މަތީ ތައުލީމަށް މެލޭޝިއާގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ޑިޕެންޑެންޓް ވިސާ ނުވަތަ ބެލެނިވެރިންނަށް ވިސާ ދޫކުރަނީ މެދުއިރުމަތި ފިޔަވައި ރާއްޖެއަށް ކަމަށް މެލޭޝިއާގެ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މިއަދު މެންދުރު އާޓް ގެލަރީގައި ފެށި ''މެލޭޝިއަން އެޑިއުކޭޝަން އެކްސްޕޯ'' ގައި މީޑިއާއަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މެލޭޝިއާ ގްލޯބަލް ސާވިސާސްގެ ޑެޕިއުޓީ ސީއީއޯ ހާޖީ މުހައްމަދު ޒަކީ ވިދާޅުވީ ރާއްޖެއަކީ ވަރަށް ހާއްސަ ގައުމެއް ކަމަށެވެ.

"މަތީ ތައުލީމުގައި ރާއްޖެއަކީ މެލޭޝިއާއަށް ވަރަށް ޚާއްސަ ގައުމެއް. މެދު އިރުމަތީގެ ގައުމުތައް ފިޔަވައި އަޅުގަނޑުމެން ދަރިވަރާއެކު ބެލެނިވެރިންނަށް ވެސް ވިސާ ދޭ ހަމައެކަނި ގައުމަކީ ރާއްޖެ. މީގެ ކުރިން އެ ފުރުސަތު ދީފައިވަނީ ހަމައެކަނި މެދުއިރުމަތީގެ ގައުމުތަކަށް،" ޒަކީ ވިދާޅުވިއެވެ.

މިއަދު ފެށި މެލޭޝިއަން އެޑިއުކޭޝަން އެކްސްޕޯގެ ތެރެއިން--

ޒަކީ ވިދާޅުވީ މެލޭޝިއާއަކީ ރާއްޖެއާ ވަރަށް އެއްގޮތްކަންތައް ތަކެއް ހުރި ގައުމެއް ކަމަށާއި އެގޮތުން ދެ ގައުމަކީ މުސްލިމުގައުމަކަށް ވެފައި، ހަލާލު ކާބޯތަކެތި ލިބުމުގައި އެއްވެސް ދައްޗެއް ނުވާނެ ކަމަށެވެ.

ޒަކީ ވިދާޅުވީ މެލޭޝިއާގެ އެޑިއުކޭޝަން މިނިސްޓްރީއާ ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ހިންގަމުންގެންދާ ސްކޮލަޝިޕް ސްކީމްގެ ނަތީޖާ މިހާރުވެސް ފެންނަމުންދާ ކަމަށެވެ. އެގޮތުން ފާއިތުވި ހަ މަސް ތެރޭވެސް މެލޭޝިއާގައި ކިޔަވާ ދަރިވަރުންގެ އަދަދު 1619 އަށް އިތުރުވެފައިވާ ކަމަށްވެސް ޒަކީ ވިދާޅުވިއެވެ. އަދި އުއްމީދަކީ މިއަހަރު ނިމުމުގެ ކުރިން މެލޭޝިއާގައި ކިޔަވަމުންދާ ރާއްޖޭގެ ދަރިވަރުންގެ އަދަދު 2000 ވުރެ އިތުރުވުން ކަމަށް އޭނާ ވިދާޅުވިއެވެ.

''މީގެ ހަމަސް ކުރިން މެލޭޝިއާގައި ކިޔަވަމުން ދިޔައީ ރާއްޖޭގެ އެންމެ 1000 ދަރިވަރުން،" ޒަކީ ވިދާޅުވިއެވެ.