އެންމެފަހުގެ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ތ. ތިމަރަފުށި ކޮޅަށް 10 ގޯލް ޖަހައިފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިރޭ ކުޅުނު މިއަހަރުގެ ޕްރިމިއާ ލީގުގެ ފުރަތަމަ މެޗު ނިއުއިން ކާމިޔާބުކުރީ 10-0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މެޗުގެ ކުރިން ޕްރިމިއާ ލީގު ހުޅުވުމުގެ ރަސްމިއްޔާތުގައި މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއް ފެނިގެން ގޮސްފައިވާ އިރު، މުބާރާތް ޝަރަފުވެރި ކޮށްދެއްވީ ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އާދަމްއެވެ. މެޗު ފެށުމަށް ބޯޅަ ހަވާލުކޮށްދީފައި ވަނީ ހާއްސަ އެހީއަށް ބޭނުންވާ ެވެ.

ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗާއި ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މެޗުގެ ކުރިންވެސް ތިމަރަފުށިން ބުނެފައި ވަނީ އެޓީމަށް ދިވެހި ޕްރިމިއާ ލީގަށް އެންމެ އެކަށީގެންވާ ގޮތަކަށް ތައްޔާރުވެވިފައި ނުވާ ކަމަށެވެ. މެޗުގެ ފުރަތަމަ މިނެޓުން ފެށިގެންވެސް ތިމަރަފުށީގެ ކުޅުމުން އެކަން ވަނީ ފެނިފައެވެ. މާލޭ ލީގުގެ ޗެމްޕިއަނުންގެ ގޮތުގައި ނިންމާލި ނިއުއިން ފުރަތަމަ ހާފްގައިވެސް ފަސް ގޯލް ޖަހައިފައިވާ އިރު، ތިމަރަފުށިން ފެނުނީ ވަނދު ކުޅުމެކެވެ.

ނިއުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ޓީސީއަށް ބަދަލުވެފައިވާ އިރު، މިރޭގެ މެޗަށް ނިއުއިން ނުކުތީ އަލަށް ގެނައި ރުވާންޑާގެ ފޯވަޑް އަތުއިރޭ ކިޕްސަން ފުރަތަމަ 11ގައި ހިމަނައިގެންނެވެ. މިރޭ ނިއުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ އަލީ ފާސިރު (ސެންޓޭ)އެވެ.

މެޗުގެ ކުރީކޮޅުގައި ނިއުއިން ލީޑު ނެގިއެވެ. ތިމަރަފުށީގެ ބިދޭސީ ކީޕަރު އަޑެޓުންޖީ ލޯރަންސް ހެދި ގޯހެއްގެ ފައިދާ ނަގައި ނިއުއަށް ލީޑު ނަގައިދިނީ ރިލުވާން ވަހީދު (ރިލޭ) އެވެ. ލޯރަންސްއަކީ މި އަހަރު މިނިވަން ޗެމްޕިއަންޝިޕްގައި ސ. ހިތަދޫގެ ގޯލް ބެލެހެއްޓި ކީޕަރެވެ.

ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗާއި ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ނިއުއިން ހާފް ނިމުމުގެ ކުރިން އިތުރު ހަތަރު ގޯލް ޖެހި އިރު، އޭގެ ތެރެއިން ދެ ގޯލް ޖެހީ މެޗުގައި ހެޓްރިކް ހެދި އަލީ ފާސިރު (ސެންޓޭ)އެވެ. ފުރަތަމަ ހާފްގައި އެއްކޮށް ބޯޅަ ކޮންޓްރޯލްކޮށް، ގިނަ ޕާސްތަކެއް ޖަހައިގެން ނިއުއިން ކުޅެމުންދިޔައީ ފަސޭހަ ފުޓުބޯޅައެކެވެ.

ފުލުފުލުގައި ގޯލްތައް ޖަހަމުން ދިޔަ ނިއުއަށް އެ ހާފްގައި އިތުރު ގޯލްތައް ޖަހައިދިނީ އަކުރަމް އަބްދުލްޣަނީ (އަކޫ)އާއި ހަމްޒާ މުހައްމަދު (ހަމްޕު)އެވެ. ހަމްޕު ވަނީ ފަހު ހާފްގައިވެސް އިތުރު ދެ ގޯލް ޖަހައި ހެޓްރިކް ފުރިހަމަ ކޮށްފައެވެ.

ފަހު ހާފްގައިވެސް މެޗުގެ ފުލް ކޮންޓްރޯލާއެކު ކުޅެމުންދިޔައީ ނިއުއިންނެވެ. ފުލުފުލުގައި ހަމަލާތައް އުފައްދަމުން ދިޔަ ނިއުގެ ފޯވަޑް ލައިނަށް ތިމަރަފުށީގެ ޑިފެންސް ތެރެއަށް ވަނުމަށް މާ ބޮޑު ހުރަސްތަކެއް ނެތެވެ. ދެވަނަ ހާފްގެ ފުރަތަމަ ގޯލް ހަމްޕު ޖެހި އިރު، ނިއުގެ ހަތް ވަނަ ގޯލަކީ ލިބުނު ޕެނެލްޓީއަކުން ސެންޓޭ ޖެހި ގޯލެކެވެ.

އޭގެ ފަހުން ހަމްޕު އިތުރު ގޯލެއް ޖަހައި މެޗުގެ ނަތީޖާ 8-0 އަކަށް ބަދަލުކޮށްލާފައިވާ އިރު، ބަދަލު ކުޅުންތެރިން ގޮތުގައި ކުޅެން ނުކުތް އިބްރާހީމް އަތީގާއި ހަސަން އަދުހަމް (ސަޑޭ) ވެސް ވަނީ މެޗުގައި ގޯލް ޖަހައިފައެވެ.

ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗާއި ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިއީ މިހާތަނަށް ދިވެހި ޕްރިމިއާ ލީގުގެ މެޗެއްގައި ނުކުތް އެންމެ ތަފާތު ބޮޑު ނަތީޖާއެވެ. ފުޓުބޯޅަ އޮނިގަނޑަށް ގެނައި ބަދަލާއެކު ޕްރިމިއާ ލީގު ތައާރަފް ކޮށްފައި ވަނީ މިދިޔަ އަހަރުގައެވެ.

ކުރިއަށް އޮތް ތިން އަހަރަށް ދިވެހި ޕްރިމިއާ ލީގުގެ ޓައިޓަލް ސްޕޮންސަރަކީ ދިރާގެވެ. މިއަހަރުގެ ޕްރިމިއާލީގުގައި ވާދަކުރާނީ މާލޭ ލީގުގެ ގަދަ ހަ ޓީމު އަދި މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމެވެ. މި އަހަރުގެ ޕްރިމިއާ ލީގު ކުޅޭނީ ދެ ބުރަކަށެވެ. ފުރަތަމަ ބުރުގައި 10 ޓީމު ވާދަކުރި ނަމަވެސް ދެވަނަ ބުރަށް ދާނީ އެންމެ މޮޅު އަށް ޓީމެވެ. އަނެއް ދެ ޓީމު ކަޓާނެއެވެ.

މިދިޔަ އަހަރު އަށް ޓީމު ވާދަކުރި ނަމަވެސް މިއަހަރުގެ ޕްރިމިއާ ލީގުގައި ދިހަ ޓީމު ވާދަކޮށް، މާލޭ ލީގުގެ ގަދަ ހައެއް ޕްރިމިއާ ލީގަށް ދާ ގޮތަށް ސިސްޓަމަށް ބަދަލު ގެނައީ މިދިޔަ އަހަރު ޑިސެންބަރު ފަހުކޮޅުގައެވެ.

ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗާއި ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ފުރަތަމަ ހަފްތާގެ މެޗުތައް:

  • 28 - ޖޫން 21:00 / ނިއު ރޭޑިއަންޓް - ތ. ތިމަރަފުށި

  • 29 - ޖޫން 16:00 / ކްލަބު އީގަލްސް - މާޒިޔާ
  • 29 - ޖޫން 21:00 / ޓީސީ ސްޕޯޓްސް ކްލަބު - ފ. ނިލަންދޫ
  • 30 - ޖޫން 16:00 / ކްލަބު ގްރީން ސްޓްރީޓްސް - ށ. ފޯކައިދޫ
  • 30 - ޖޫން 21:00 / ވިކްޓަރީ ސްޕޯޓްސް ކްލަބު - ބ. ފެހެންދޫ