"ފެއާ ޕްލޭ ރޫލް"އިން ސެނެގާލް ކަޓުވާލައި، ޖަޕާ ގަދަ 16އަށް ދަތުރުކޮށްފިއެވެ.

މިރޭ އެކަޓެރިންބާގް އެރީނާގައި ޖަޕާނުން ކުޅުނު ގްރޫޕް އެޗްގެ ފަހު މެޗުގައި ޕޮލެންޑް އަތުން ބަލިވީ 1-0ގެ ނަތީޖާއަކުންނެވެ.

ޕޮލެންޑުން މިރޭގެ މެޗަށް ނުކުތް އިރުވެސް ގަދަ 16އަށް ދިއުމުގެ ފުރުސަތު އޮތީ ގެއްލިފައެވެ. މިރޭ ގްރޫޕް އެޗްގައި ކޮލަމްބިއާއި ސެނެގާލް ވާދަކުރި މެޗު ކޮލަމްބިއާއިން ކާމިޔާބުކުރުމާއެކު އެޓީމަށް ގްރޫޕްގެ އެއްވަނަ ލިބިފައިވާ އިރު، ދެވަނައިގައި އޮތް ޖަޕާނާއި ސެނެގާލަށް ލިބެނީ ތިން މެޗުން ހަތަރު ޕޮއިންޓެވެ.

ޖަޕާނުން ޕޮލެންޑާ ދެކޮޅަށް ކުޅުނު މެޗު --- ފޮޓޯ/ އޭޕީ

ޖަޕާނާ ސެނެގާލްވެސް ޕޮއިންޓުން އެއްވަރުވެ، ފައިދާ ގޯލް އަދި ޖެހި ގޯލުންވެސް އެއްވަރުވެފައި އޮތުމުން ގަވާއިދު ބުނާ ގޮތުން ދެން ބަލަން ޖެހެނީ މަދުން ކާޑު ދައްކާފައިވާ ޓީމަކަށެވެ. ޖަޕާނަށް ގްރޫޕް ސްޓޭޖުގައި ހަތަރު ކާޑު ދައްކާފައިވާ އިރު، ސެނެގާލްއަށް ވަނީ ހަ ކާޑު ދައްކައިފައެވެ. އެހެން ކަމަށްވުމުން ޖަޕާނަށް ވަނީ "ފެއާ ޕްލޭ ރޫލް"އިން ގްރޫޕްގެ ދެވަނަ ލިބިފައެވެ.

މީގެ ކުރިން 2010 ވަނަ އަހަރުވެސް ގަދަ 16އަށް ދަތުރު ކުރި ޖަޕާނުން މިރޭ ޕޮލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ޕޮލެންޑުގެ ހަމައެކަނި ގޯލް، މެޗުގެ 59 މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޔޭން ބެޑްނަރެކެވެ.

ޖަޕާނުން ޕޮލެންޑާ ދެކޮޅަށް ކުޅުނު މެޗު --- ފޮޓޯ/ އޭޕީ

ރަފޭލް ކުރުޒާވާގެ ހިލޭ ޖެހުން، ސައުތުހޭމްޓަންގެ ޑިފެންޑަރު ބެޑަނަރެކް ގޯލަށް ވައްދާލީ ވައިގެ ތެރޭގައި ބޯޅަ އޮއްވާ ކުރިއަށް ފޮނުވާލައިގެންނެވެ.

މެޗުގެ ފަހު ވަގުތުގައި ޖަޕާނުގެ ތަޖުރިބާކާރު ކުޅުންތެރިއާ މަކޯޓޯ ހަސީބޭ ދަނޑު މައްޗަށް އަރާ އޭނާ ވަނީ ކުޅުންތެރިން ކައިރީގައި ކާޑު ނުހޯދާ ކުޅުމަށް ބުނެފައެވެ. އޭރު ކޮލޮމްބިއާއިން އޮތީ 1-0ގެ ނަތީޖާއިން ސެނެގާލް ކައިރީ މޮޅުވެފައެވެ.

ވޯލްޑް ކަޕްގައި އޭޝިއާގެ ހަތަރު ޓީމަކުން ވާދަކޮށްފައިވާ އިރު، ޖަޕާން ވެފައިވަނީ އޭޝިއާއިން ގަދަ 16އަށް ދަތުރު ކުރި ހަމައެކަނި ޓީމަށެވެ. ގްރޫޕް އެޗްއިން ސެނެގާލް ކަޓާފައިވާ އިރު، ސެނެގާލްއާއެކު އެފްރިކާއިން ވާދަކުރި މިސްރާއި މޮރޮކޯގެ އިތުރުން ނައިޖީރިއާއާއި ޓިއުނީޝިއާވެސް މިހާރު ވަނީ މުބާރާތުން ކަޓައިފައެވެ.

ޖަޕާނުން ޕޮލެންޑާ ދެކޮޅަށް ކުޅުނު މެޗު --- ފޮޓޯ/ އޭޕީ

ގަދަ 16ގައި ޖަޕާނުން ވާދަކުރަން ޖެހޭނީ ގްރޫޕް ޖީގެ އެއްވަނައަށް ދާ ޓީމާއެވެ. އެ ގްރޫޕްގެ އެއްވަނަ ޔަގީން ވާނީ މިރޭ ބެލްޖިއަމްއާއި އިންގްލެންޑް ވާދަކުރާ މެޗުންނެވެ.