ކޯޓު އަމުރަކާ ނުލައި އަމިއްލަ ތަންތަނަށް ވަނުމުގެ ބާރު ފުލުހުންނަށް ދިނުމަށް ޖިނާއީ އިޖުރާއަތު ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ޖިނާއީ އިޖުރާއަތު ގާނޫނު މިހާރު އޮތް ގޮތުން ތަހުގީގު ކުރަމުންދާ ޖިނާއީ ކުށަކާ ގުޅިގެން އަމިއްލަ ތަނަކަށް ވަންނަން ޖެހިއްޖެނަމަ އެތަނެއްގެ ވެރިފަރާތުގެ ރުހުމެއްނެތް ހާލަތެއްގައި އެތަނަށް ވެދެވޭނީ ކޯޓު އަމުރަކާ އެކުގައިއެވެ.

ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ހުށަހެޅުއްވި އެ އިސްލާހުގައިވާ ގޮތުން ގާނޫނު ތަންފީޒު ކުރާ އިދާރާއަކުން ތަހުގީގު ކުރަމުންދާ ޖިނާއީ ކުށަކާ ގުޅިގެން އާންމު ތަނަކަށް ވަންނަން ޖެހިއްޖެނަމަ، ކޯޓު އަމުރަކާ ނުލައި، އެ ތަނަކަށް ވަނުމުގެ ބާރު، ލިބޭނީ ފުލުހުންނަށް އެކަންޏެވެ.

އިބްރާހިމް ދީދީ ހުށަހެޅުއްވި އެ އިސްލާހުގައިވާ ގޮތުން އަމިއްލަ ތަނަކަށް ވަނުމުގެ ކުރިން އެތަނެއްގައި ތިބި ބަޔަކަށް އެކަން އަންގައިފިނަމަ ބަލާ ފާސް ކުރުމުގެ މަގުސަދު ގެއްލޭތީ ކުރިން އެނގުމަކާ ނުލައި ވެސް އެތަނަކަށް ވަނުމުގެ ބާރު ލިބޭނެއެވެ.

އެ އިސްލާހްގައިވާ ގޮތުން ކޯޓު އަމުރަކާ ނުލައި ތަހުގީގު ކުރަން ބޭނުންވާ ތަނަކަށް ވަނުމާއި، ތަހުގީގަށް އެކަށޭނެ މިންވަރެއްގައި އެ ތަނެއްގައި މަޑުކުރުމުގެ ބާރުވެސް ފުލުހުންނަށް ލިބެންޖެހޭނެއެވެ.

މީގެ އިތުރުންވެސް ޖިނާއީ އިޖުރާތުގެ ގަނޫނޫނަށް ގިނަ އިސްލާހުތަކެއް ގެނެއުމަށް މެންބަރު އިބްރާހިމް ދީދީ ހުށަހެޅުއްވި އެވެ. އެގޮތުން ބަންދުގައި ތިބޭ މީހުންނާއި ބަންދުން ދޫކޮށްލާފައިވާ މީހުންގެ މައްޗަށް ދައުވާ އުފުލުމާ ގުޅޭ މުއްދަތުތަކަށްވެސް އިސްލާހު ގެނެއުމަށް ވަނީ ހުށައަޅާފައެވެ.

މިހާރު ގާނޫނު އޮންނަ ގޮތުން ބަންދުގައި ހުރި މީހެއް ނަމަ އެ މީހެއްގެ މައްޗަށް 30 ދުވަސް ތެރޭގައި ދައުވާ ކުރަން ޖެހޭއިރު، ބަންދުން ދޫކޮށްލާފައިވާ މީހެއް ނަމަ 45 ދުވަސް ތެރޭގައި ދައުވާ ކުރަންޖެހެ އެވެ. އެކަމަކު އެ މުއްދަތުތައް ގުނަނީ ތަހުގީގު މަރުހަލާ އާއި ދައުވާ އުފުލުމުގެ މަރުހަލާ ވެސް ހިމެނޭ ގޮތުންނެވެ.

އެގޮތުން އިސްލާހު ހުށަހަޅާފައިވަނީ ބަންދުގައި ހުރި މީހެއް ނަމަ 30 ދުވަސް ތެރޭގައި ތަހުގީގު މަރުހަލާ ނިންމަންޖެހޭ ގޮތަށް އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮޮފީހަށް އެ މައްސަލަ ލިބޭ ދުވަހުން ފެށިގެން 15 ދުވަސް ތެރޭގައި ދައުވާ އުފުލަންޖެހޭ ގޮތަށެވެ. އަދި ބަންދުން ދޫކޮށްލާފައިވާ މީހެއް ނަމަ 45 ދުވަސް ތެރޭގައި ތަހުގީގު ނިންމުމަށާއި އަދި ޕީޖީ އޮފީހަށް މައްސަލަ ލިބޭ ދުވަހުން ފެށިގެން 15 ދުވަސް ތެރޭގައި ދައުވާ އުފުލަންޖެހޭ ގޮތަށް ވެސް އެ ބިލުގައި ވަނީ ހިމަނައިފަ އެވެ.

އަދި މީގެ އިތުރުން ޓެކްސް ދެއްކުމުން އެއްކިބާ ވުމުގެ ކުށާއި، ރިޝްވަތުގެ ކުށާއި، ނުރައްކާތެރި ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގެ ކުށާއި، ރަޔަޓް ބޭނުން ކޮށްގެން ސަރުކާރު ވައްޓާލަން އުޅުމުގެ ކުށާއި، ކުލީ ސިފައިން ހޯދުމުގެ ކުށަކީ ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ހިމެނުމަށްވެސް ވަނީ ހުށައަޅާފައެވެ.

ޖިނާއީ އިޖުރާއާތުގެ ގާނޫނަށް މިދިޔަ އަހަރު ވެސް ސަރުކާރުން އިސްލާހުތަކެއް ހުށަހެޅި އެވެ. ނަމަވެސް މަޖިިލިސް މެމްބަރުންގެ ކަންބޮޑުވުންތަކާ ހެދި އެ ބިލް އޭރު ސަރުކާރުން އަނބުރާ ގެނައީ އެވެ.