28 Jun 2018, 20:55
މަތީ ތައުލީމުގެ ފުރުސަތުތައް ރާއްޖޭގެ ވީހާވެސް ގިނަ ދަރިވަރުންނަށް ހޯދައިދިނުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީއާއި އެޑިއުކޭޝަން މެލޭޝިއާ ގްލޯބަލް ސާވިސާސް ގުޅިގެން ފަނަރަ ޔުނިވާސިޓީއަކާއެކު ''މެލޭޝިއަން އެޑިއުކޭޝަން އެކްސްޕޯ'' ފަށައިފިއެވެ.
ނެޝެނަލް އާޓް ގެލެރީގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތުގައި އެ އެކްސްޕޯ ހުޅުވައިދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބުދުﷲ ނަޒީރެވެ.
މިއީ މެލޭޝިއާ ސަރުކާރުން ރާއްޖެއަށް ދީފައިވާ 500 ސްކޯލާޝިޕްގެ ދެވަނަ ބުރު އިޝްތިހާރުކުރުމުގެ ގޮތުން ބާއްވާ އެކްސްޕޯއެކެވެ.
މިއަހަރު ޖެނުއަރީ މަހު ބޭއްވި މެލޭޝިއާ އެކްސްޕޯ މެދުވެރިވެގެން 250 ސްކޯލާޝިޕް ވަނީ ހަވާލުކޮށްފައެވެ. އަދި ބާކީ އޮތް 250 ސްކޮލަޝިޕް އެ އެކްސްޕޯ މެދުވެރިކޮށް ދިނުމަށް ހަަމަޖެހިފައިވާ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

މިއަދު ފެށި މެލޭޝިއަން އެޑިއުކޭޝަން އެކްސްޕޯގެ ތެރެއިން--
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ އެކްސްޕޯގައި ޔުނިވާސިޓީތަކުން ލިބެންހުރި ކޯސްތަކާ ބެހޭ މައުލޫމާތު ދިނުމާއި، އެޕްލިކޭޝަން ފޯމު ފުރުމާއި، ވަގުތުން ޕްލޭސްމެންޓް ހަމަޖައްސައިދިނުމާއި މެލޭޝިއާގެ ސުޓޫޑަންޓް ވިސާއާ ބެހޭ މައުލޫމާތު ދިނުމާއި، ޑީއެޗްއީ އިން ދެމުންގެންދާ ޚިދުމަތްތަކާ ބެހޭ މައުލޫމާތު ދޭނެކަމަށެވެ.
މެލޭޝިއާއިން ރާއްޖެއަށް ދީފައިވަނީ 50 ޕަސެންޓް ފްރީ ޕާޝިއަލް ސްކޯލާޝިޕްތަކެކެވެ. އެ ސްކޯލާޝިޕްތަކުގެ ބާކީ އޮތް 50 ޕަސެންޓް ދައްކަން ބޭނުންވާ ފަރާތްތަކަށް ލޯނުގެ ފުރުސަތުވެސް ދިނުމަށް ހަަމަޖެހިފައިވާ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ފެއާގެ ދެވަނަ ބުރު އަންނަ އާދިއްތަ ދުވަހު އައްޑޫ ސިޓީގެ ހިތަދޫ ނޫރާނީ ސްކޫލުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ ފެއާގައި ބިޒްނަސް، އިންޖިނިއަރިންގް، އައިޓީ، ސިއްހީ ދާއިރާ އާއި އަދި އެހެނިހެން ގިނަ ދާއިރާތަކާ ގުޅޭގިނަ ކޯސްތަކެއްގެ މައުލޫމާތު ލިބެއެެވެ.
އެކްސްޕޯ ބާއްވާ ގަޑިތައް
- މާލެ- ބުރާސްފަތި (މެންދުރުފަހު 14:00 އިން ރޭގަނޑު 10:00 އަށް)
- މާލެ- ހުކުރު ( ހަވީރު 16:00 ން ރޭގަނޑު 10:00 އަށް)
- އައްޑޫ ސިޓީ- އާދިއްތަ ( ހަވީރު 16:00 އިން ރޭގަނޑު 10:00 އަށް)