28 Jun 2018, 20:49
ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އަތޮޅު ތެރެއަށް ފުލުހުން ފޮނުވުމުގެ މަސައްކަތް އަންނަ ޖުލައި މަހުގެ ފަހުކޮޅު ފަށާނެ ކަމަށް ފުލުހުން ބުނެފިއެވެ.
އިންތިޚާބަށް ވަމުންދާ ތައްޔާރީތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ފުލުހުންގެ ތަރުޖަމާނު ޗީފް ސްޕްރިންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބަކީ އަމަން އަމާން ކަމާ އެކު ކުރިއަށްދާ އިންތިޚާބަކަށް ހެދުމަށް ފުލުހުން ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ޖެނުއަރީ މަހުން ފެށިގެން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ހަމްދޫނު ރަޝީދުގެ ބެލުމުގެ ދަށުން އެ މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝިފާން ވިދާޅުވީ އިންތިޚާބުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ފުލުހުންގެ ހުރިހާ ވަސީލަތެއް ބޭނުންކުރާނެ ކަމަށާއި ދުރާލާ ރާވައިގެން ބަޔަކު ހިންގާފާނެ އެއްވެސް ކަހަލަ ކަމަކަށް ފުލުހުން ފުރުސަތު ނުދޭނެ ކަމަށެވެ. އަދި އެފަދަ ކަމަކަށް ފުލުހުން ތައްޔާރަށް ތިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާޙް
"ކަމެއް ބަޔަކު ކޮށްފާނެ ކަމަށް ޚާއްސަކޮށް ފުލުހުން ޓެކްޓިކަލީ އަދި އޮޕަރޭޝަނަލީ ވަރަށް ރަނގަޅަށް އިރާދަކުރެއްވިއްޔާ ތައްޔާރަށް ތިބޭނީ. ފުލުހުންގެ ތައްޔާރީގެ މާނައަކީވެސް އެއީ. އެކަހަލަ ހާލަތެއް ދިމާވެއްޖެނަމަ އެކަން ނިއުޓްރަލައިޒް ކުރެވޭ ހާލަތެއްގެ ފުލުހުން ތިބުން،" ޝިފާން ވިދާޅުވިއެވެ.
ޝިފާން ވިދާޅުވީ އިންތިޚާބުގެ ކަންކަން ބަލަހައްޓާ ފުލުހުންނަށް ޚާއްސަ ތަމްރީނާއި ކަމާ ގުޅޭ މައުލޫމާތު ދޭނެ ކަމަށާއި އަދި އަތޮޅު ތެރޭގައި މަސައްކަތް ކުރާ ފުލުހުން އަންނަ މަހުގެ ފަހުކޮޅުން ފެށިގެން އަތޮޅު ތަކަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އިންތިޚާބުގެ ކުރިން ހޯދަން ޖެހޭ މައުލޫމާތުވެސް ހޯދާ ތައްޔާރުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ޚާއްސަ ގޮތެއްގައި މި އިންތިޚާބަށް ތައްޔާރުވުމަށް ވާން ޖެހޭ ކަންކަން ކުރުމަށް ފުލުހުން ރަށްރަށަށް ފޮނުވަން އިރާދަކުރެއްވިއްޔާ ޖުލައިމަހުގެ ފަހުކޮޅުން ފެށިގެން މަސައްކަތް ކުރަމުންދާނަން،" ޝިފާން ވިދާޅުވިއެވެ.
ރިޔާސީ ކެމްޕެއިން ހަރަކާތްތަކަށް ފުރުސަތު ދިނުމާ ގުޅޭ ގޮތުން ޝިފާން ވިދާޅުވީ ގާނޫނީ އިމުގެ ތެރެއިން ކުރިއަށްގެންދާ ހުރިހާ ހަރަކާތަކަށްވެސް ފުލުހުން އެއްބާރުލުންދޭނެ ކަމަށެވެ. އަދި ގާނޫނީ އިމުގެ ބޭރުން ކަންތައްތައް ކުރާ ފަރާތްތަކާ މެދު ގާނޫނުގައި އޮންނަ އުސޫލުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރިޔާސީ ކެމްޕެއިންގެ ތެރެއިން ކުރިއަށްދާ ޖަގަހަ ހަރަކާތްތަކަށްވެސް ފުރުސަތުދެއްވާނެ ކަމަށް ޝިފާން ވިދާޅުވިއެވެ.