އުމުރަށް ޖަލަށް ހުކުމްކޮށްފައިވާ ދެ މީހަކު މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުން ހައްޔަރުކޮށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވާ ކަމަށް އެކޯޓުން ބުނެފި އެވެ.

ކްރިމިނަލް ކޯޓުން ބުނީ މަސްތުވާތަކެތި ގެންގުޅުމާ ބޭނުންކުރުމުގެ ކުށުގައި އިއްޔެ އެކޯޓަށް ބަންދުގެ މުއްދަތު ޖެހުމަށް ހާޒިރުކުރި ދެމީހުންގެ ތެރެއިން އެކަކީ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމާއި، ވިޔަފާރީގެ ބޭނުމުގައި އަތުގައި ބެހެއްޓުމުގެ ކުށް ޝަރީއަތަށް ސާބިތުވެގެން 30 ޖަނަވަރީ 2007ގައި އުމުރަށް ޖަލަށް ލުމަށް ހުކުމްކޮފައިވަނިކޮށް، މީހަކު މަރާލެވިދާފަދަ އެއްޗަކާއި އެކުގައި ޣާއިރު ގާނޫނީ އެއްވުމެއްގައި ބައިވެރިވުމުގެ ކުށްޝަރީއަތަށް ސާބިތުވެގެން ހަ މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމަށް 12މެއި 2009ގައި ހުކުމް ކޮށްފައިވާ މީހެއް ކަމަށެވެ.

މުއްދަތު ޖެހުމަށް އެކޯޓަށް ހާޒިރުކުރި ދެވަނަ މީހަކީ މަނާކުރެވިފައިވާ މަސްތުވާތަކެތި ބޭނުންކޮށްގެން ހުރެ ގޭގެއަށްވަދެ މީހުންގެ މުދަލަށް ގެއްލުންދީ ބިރުދައްކާހަދަމުންދާ މައްސަލައެއްގެ ތުހުމަތުގައި ހާޒިރުކޮށްފައިވާ މީހެއް ކަމަށް ކޯޓުން ބުންޏެވެ. އަދި އެމީހާގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށުގައި ހަ އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް 1999ގައި ހުކުމްކޮށްފައިވާއިރު 2001 ގައި އޭނާގެ މައްޗަށް މީހެއްގެ އަބުރާބެހުމުގެ ކުށް ޝަރީއަތަށް ސާބިތުވެގެން 300ރ އިން ވަނީ ޖޫރިމަނާކޮށްފަ އެވެ. އަދި މަނާކުރެވިފައިވާ މަސްތުވާތަކެތި ބޭނުނުކުރުމާއި ވިޔަފާރި ކުރުމުގެ ކުށުގައި އުމުރަށް ޖަލަށް ލުމަށް 2002ގައި ހުކުމްކޮށްފައިވަނިކޮށް މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމާއި، ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށް ޝަރީއަތަށް ސާބިތުވެފައިވާތީ 12 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް 2005ގައި ހުކުމްކޮށްފައިވާ ކަމަށްވެސް އެކޯޓުން ބުންޏެވެ.

މަސްތުވާތަކެތީގެ މައްސަލާގައި ކޯޓަށް ހާޒިރުކޮށްފައިވާ އެ ދެމީހުންނަކީ ކޮންބައެއް ކަމެއް ކޯޓަކުން ނުބުނެ އެވެ.