މުމްބާއީ (ޖޫން 28): އިންޑިއާގެ މުމްބާއީއަށް މަތިންދާބޯޓެއް ވެއްޓި، އެބޯޓުގައި ތިބި ހަތަރު މީހުންނާއި އެ ސަރަހައްދުގައި ހުރި އިތުރު މީހަކު މަރުވެއްޖެ އެވެ.

އިންޑިއާގެ ސިވިލް އޭވިއޭޝަންގެ ޑިރެކްޓާ ޖެެނެރަލް ވިދާޅުވި ގޮތުގައި އެހާދިސާގައި މަރުވެފައި ވަނީ ބޯޓުގައި ތިބި ދެ ޕައިލެޓުންނާއި ދެ އެއާކްރާފްޓް މެއިންޓެނެންސް އިންޖިނިއަރުންނެވެ. އަދި ގަޓްކޯޕާރުގައި ހުންނަ ކޮންސްޓްރަކްޝަން ސައިޓަކަށް އެބޯޓު ވެއްޓުނީ ޓެސްޓު ދަތުރެއް ކުރަމުން ދަނިކޮށެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި ބޯޓު ވެއްޓުމާ އެކު އެސަރަހައްދުގައި ވަނީ ރޯވެފަ އެވެ. އެއަލިފާންގަނޑު ނިއްވާލުމަށް އެއް ގަޑި އިރު ހޭދަވި ކަމަށް އެންޑީޓީވީން ބުންޏެވެ.

އިންޑިއާގެ އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯއިން ވަނީ އެހާދިސާ ތަހުގީގު ކުރާނެ ކަމަށް ބުނެފައި އެވެ.

އިންޑިއާ ޓުޑޭގައިވާ ގޮތުން އެބޯޓަކީ މުމްބާއީގެ ކުންފުންޏެއް ކަމަށްވާ ޔޫވައި އޭވިއޭޝަނަށް ނިސްބަތްވާ ބޯޓެކެވެ. އަދި އެއީ މީގެ ކުރިން އުއްތަރަ ޕްރަދޭޝްގެ ސަރުކާރަށް ނިސްބަތްވާ ބޯޓެކެވެ. ނަމަވެސް ބޯޓު ވިއްކާލީ އެކްސިޑެންޓެއްވުމާ ގުޅިގެންނެވެ. (އެންޑީޓީވީ)