އަންނަ ހޮނިހިރު ދުވަހު އއ. އުކުޅަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ޕްރައިމަރީ މޮނިޓާކޮށްދިނުމަށް އެޕާޓީން އިލެކްޝަންސް ކޮމިޝަންގައި އެދިއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާނު އަދި ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް "ސަން" އަށް ވިދާޅުވީ އެމްޑީޕީން އެދިފައިވާ ގޮތުގެ މަތިން އެޕާޓީގެ ކޮންގްރެސް އޮބްޒާވްކުރަން ބޭފުޅަކު ފޮނުވާނެ ކަމަށެވެ.

އަކުރަމް ވިދާޅުވީ ގާނޫނާއި ގަވާއިދުގެ ތެރެއިން ކޮންގްރެސް ބޭއްވުމަށް އެމްޑީޕީއަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ގާނޫނާ ގަވާއިދާ ޚިލާފަށް ބާއްވާ ކޮންގްރެސްއެއް ކޮމިޝަނުން ބަލައި ނުގަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދާދިފަހުން ވަނީ ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ވެސް ބާއްވައިފަ އެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ކޮންގްރެސް އޮބްޒާވްކޮށްފަ އެވެ.