28 Jun 2018, 13:23
ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުން ކުރިއަށް ގެންދާ ކެމްޕެއިން ހަރަކާތްތައް ހަމަހަމަކަމާ އެކު ކުރިއަށް ގެންދިޔުމުގެ ފުރުޞަތު ފުލުހުން ވެސް ދޭނެ ކަމަށާއި ނަމަވެސް އެ ހަރަކާތްތަކަކީ ގާނޫނީ އިމުގެ ތެރެއިން ކުރިއަށްގެންދާ ހަރަކާތްތަކަށްވާން ޖެހޭނެ ކަމަށް އެކްޓިންގް ކަމިޝަނާރު އޮފް ޕޮލިސް، ޑެޕިއުޓީ ކަމިޝާނަރު އަބްދުﷲ ނަވާޒް ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަމާއި އަދި ލޮޖިސްޓިކް އެހީ ފޯރުކޮށްދިނުމަށް އީސީއާ އެކު މިއަދު ފުލުހުން އެއްބަސް ވުމަށް ފަހު "ސަން" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ނަވާޒު ވިދާޅުވީ ރާއްޖޭގެ ގާނޫނު ތަންފީޒުކުރާ އަދި އަމަން ބަލަހައްޓާ ބައެއްގެ ހައިސިއްޔަތުން ފުލުހުންގެ އެންމެ އިސްވާޖިބަކީ ހުރިހާ ފަރާތަކަށް ވެސް ހަމަހަމަކަމާ އެކު ފުރުޞަތު ދިނުން ކަމަށާއި ގާނޫނީ އިމުގެ ތެރެއިން ކުރިއަށްގެންދާ ކޮންމެ ހަރަކާތަކަށް ވެސް އެ ފުރުޞަތު ފުލުހުން ފަހިކޮށްދެއްވާނެ ކަމަށެވެ.
"ގާނޫނާ ހިލާފު ނުވެ. އެ އޮންނަ ހުދޫދުގެ ތެރެއިން އަދި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ މިންގަނޑުގެ ތެރެއިން އެކަންކަން ކުރިއަށްދާ ނަމަ ކޮންމެ ފަރާތްތަކަށް ވެސް ފުލުހުންގެ ފަރާތުން އެހީތެރިކަން ދެމުންދާނެ،" ނަވާޒް ވިދާޅުވި އެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އީސީގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ ރާއްޖެ އާއި ރާއްޖޭން ބޭރު ހިމެނޭ ގޮތަށް ބަހައްޓާ 477 ވޯޓް ފޮށީގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ފުލުހުން ހަރަކާތްތެރިވާނެ ކަމަށާއި އަދި ވޯޓު ފޮށި އެއް ތަނުން އަނެއް ތަނަށް އުފުލުމުގައި ވެސް ފުލުހުންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެމުންގެންދާނެ ކަމަށެވެ. އަދި މިފަހަރުގެ ރިޔާސީ އިންތިހާބަކީ އިންސާފުވެރި އަދި އަމަން އަމާންކަމާ އެކު ނިމިގެންދާ އިންތިހާބަކަށް ވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ.