28 Jun 2018, 13:11
ދިމިޝްގު (ޖޫން 28): ސީރިއާގެ އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައި އޮތް ދަރާއަށް ދިން ވައިގެ ހަމަލާތަކުގައި އެޕްރޮވިންސުގެ ތިން ހޮސްޕިޓަލެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެއްޖެ އެވެ.
ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނި ގޮތުގައި ދަރާ ޕްރޮވިންސުގައި އޮންނަ ސައިދާ އާއި ޖިޒާ އާއި މުސާފިރާއަށް ހަމަލާތައް ދިނީ ދަންވަރުގެ ވަގުތެއްގަ އެވެ. އެހަމަލާތައް ދިނީ ރަޝިއާގެ ހަނގުރާމަމަތީ ބޯޓުތައް ކަމަށް އެއޮބްޒަވޭޓަރީން ބުންޏެވެ.
"މުސާފިރާގެ ހޮސްޕިޓަލް ވަނީ އެއްކޮށް ސުންނާފަތިވެފައި. ސައިދާ އާއި ޖިޒާގެ ހޮސްޕިޓަލްތައް ކައިރިއަށް ދިން ހަމަލާތަކާ ގުޅިގެން އެހޮސްޕިޓަލްތަކުން ވަނީ ހިދުމަތް ދިނުން ހުއްޓާލާފައި،" ސީރިއާގެ ނޫސްވެރިއެއް ކަމަށްވާ ލޯރެންސް އެޑަމް ބުންޏެވެ.
ނަމަވެސް އެހޮސްޕިޓަލްތަކުގައި ތިބި މުވައްޒަފުންނާއި ބަލި މީހުންގެ ހާލަތު އަދި ޔަގީން ނުވާ ކަމަށް އެޑަމް ބުންޏެވެ.
ސީރިއާ އާއި ރަޝިއާގެ އަސްކަރިއްޔާ އިން ވަނީ ހޮސްޕިޓަލްތަކަށް އަމާޒުކޮށް އެދެ ގައުމުގެ ސިފައިން ހަމަލާދޭ ކަމަށް ބުނާ ރިޕޯޓުތައް ދޮގުކޮށްފަ އެވެ.
ސީރިއާގެ އިރުމަތީ ޣޫތާގައި އިދިކޮޅު ފަރާތްތަކުގެ ބާރު ކަނޑުވާލުމަށް ފަހު އެގައުމުގެ އަސްކަރިއްޔާއިން ވަނީ ދެރާއިން ވެސް އިދކޮޅު ފަރާތްތައް ފޮނުވާލުމުގެ މަސައްކަތް ފަށައިފަ އެވެ. އެގޮތުން މިމަހު ފެއްޓި އެހަމަލާތަކުގައި 46 އާއްމުން މަރުވެފައިވާ ކަމަށް ސީރިއަން އޮބްޒަވޭޓަރީން ބުންޏެވެ. އަދި 39 އިދިކޮޅު ހަނގުރާމަވެރިންނާއި ސީރިއާގެ ސަރުކާރަށް ތާއިދު ކުރާ 36 ހަނގުރާމަވެރިން ވެސް މަރުވި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
އދ. އިން ބުނާ ގޮތުގައި ސީރިއާ ސަރުކާރުގެ އެ ހަމަލާތަކަ ގުޅިގެން ދެރާގެ 50،000 ވަރަަކަށް މީހުންނަށް ވަނީ ގެދޮރު ދޫކޮށް ދާން ޖެހިފައި އެވެ. (އަލްޖަޒީރާ)