11 Sep 2011, 16:39
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާއިން ބޭއްވުމަށް ހަމަޖެހިފައިވާ ފުޓުބޯޅަ މެނޭޖްމަންޓް ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހި މިމަހު 19 އިން 23 އަށް ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ފީފާއިން ނިންމާފައިވާކަން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިއުލާން ކޮށްފި އެވެ.
މިޕްރޮގްރާމަކީ ފީފާގެ މެންބަރު އެސޯސިއޭޝަންތަކުގެ މަސައްކަތްތަކާއި އަދި ހަރަކާތްތައް ކުރިއަށްދާގޮތް ބެލުމަށާއި، މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ދިމާވާ ދަތިތައް ބެލުމަށްފަހު ފީފާއިން ބާއްވާ ޕްރޮގްރާމެކެވެ. އަދި މިޕްރޮގްރާމުގައި އިތުރަށް ފޯރުކޮށްދެވެން ހުރި ކަންކަން ދެނެގަތުމަށްފަހު މަސައްކަތްތަކަށް ބޭނުންވާ އިތުރު ލަފާ އެއިދާރާއިން ދެއްވާނެ ކަމަށް އެފްއޭއެމް އިން ނެރުނު ސާކިއުލާއެއްގައި މިއަދު ވަނީ ބުނެފަ އެވެ.
މީގެ އިތުރުން މިޕްރޮގްރާމުގެ ތެރޭގައި ފުޓުބޯޅަ އާއި ގުޅުން ހުރި ތަފާތު އިދާރާތަކާއި ސްޕޮންސަރުންނާއި ބައްދަލުކޮށް ރާއްޖޭގެ ފުޓުބޯޅަ އިތުރަށް ކުރިއެރުވުމަށް ކުރެވެންހުރި ކަންކަމާއި ބެހޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަން ވެސް މި ސާކިއުލާގައި ވެ އެވެ.
ރާއްޖޭގެ ނޫސްވެރިންނާއި ބައްދަލު ކުރެއްވުމަށް ފީފާއިން އެދިލައްވާފައިވާތީ އެކަމުގެ އިންތިޒާމުވެސް އެފްއޭއެމް އިން ވަނީ ހަމަޖައްސައިދީފަ އެވެ. ފީފާއިން ނޫސްވެރިންނާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައި ވަނީ 21 ސެޕްޓެމްބަރު ވާ ބުދަ ދުވަހު އެވެ. ރާއްޖޭގެ ފުޓުބޯޅަ ތަރައްގީ ކުރުމަށް މިކުރަމުން ގެންދާ މަސައްކަތްތަކަށް މީޑިޔާއިން ކުރަމުން ގެންދާ ބުރަ މަސައްކަތަށް އެފްއޭއެމް އިން ވަނީ ނިހާޔަތަށް ޝުކުރު އަދާކޮށްފަ އެވެ.