29 Jun 2018, 11:45
ޕޭޓެންޓް މައްސަލާގައި އެޕަލްއާ ސެމްސަންގުން ކުރި ހަނގުރާމަ ނިންމާލައިފިއެވެ.
ސެމްސަންގުގެ ފޯނު ކޮޕީކުރީ އެޕަލް އިންތޯ، އެޕަލްގެ ފޯނު ކޮޕީ ކުރީ ސެމްސަންގުންތޯ ޔަގީން ކުރުމަށް ކޯޓުގައި ކުރިއަށްް ގެންދިޔަ މައްސަލަ ނިންމާފައިވަނީ މި ދެ ކުންފުނިން އަމިއްލައަށެވެ. އެގޮތުން އެ މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނޫންކަމަށް އެ ދެ ކުންފުނިން ކޯޓަށް އަންގާފައިވާކަމަށް ހަބަރުތައް ބުނެއެވެ. މި މައްސަލަ ނިންމާފައި ވަނީ ކޮންގޮތަކަށް އެއްބަސްވެގެންކަމެއް ހާމަކޮށްފައެއް ނުވެއެވެ.
ސެމްސަންގާ އެޕަލްއިން ކުރި ބޮޑު ހަނގުރާމަ ނިންމާލާފައި ވަނީ އެޕަލްގެ ފީޗާތަކެއް ސެމްސަންގުން ކޮޕީ ކުރިކަން ހާމަވެ، އެޕަލްއަށް 539 މިލިއަން ޑޮލަރު ދައްކަން މެއި މަހު ސެމްސަންގުގެ މައްޗަށް ސުޕްރީމު ކޯޓުން އަމުރުކޮށްފައި ވަނިކޮށެވެ.
މި މައްސަލަ އެންމެ ފުރަތަމަ އެޕަލްއިން ކޯޓަށް ހުށަހެޅީ 2011 ވަނަ އަހަރުއެވެ. ޖުމުލަ ދެ ބިލިއަން ޑޮލަރު ސެމްސަންގު އަތުން ހޯދުމަށް ހުށަހެޅި މި މައްސަލާގައި 2012 ވަނަ އަހަރު ކޯޓުން ވަނީ 1.05 ބިލިއަން ޑޮލަރު ސެމްސަންގުން އެޕަލްއަށް ދައްކަންޖެހޭނެ ކަމަށް ނިންމައިފައެވެ. މި މައްސަލަ ސެމްސަންގުން ސުޕްރީމު ކޯޓުގައި އިސްތިއުނާފުކޮށް 2016 ވަނަ އަހަރު ކޯޓުން ވަނީ ސެމްސަންގާ އެއްކޮޅަށް މައްސަލަ ނިންމައިފައެވެ.
އޭގެ ފަހުން މިއަހަރުގެ މެއި މަހު ބޭއްވި އަޑުއެހުމެއްގައި ސެމްސަންގުން ބުނެފައިވަނީ އެކުންފުނިން އެޕަލްއަށް ދައްކަންޖެހޭނީ 28 މިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް ކޯޓުން އަމުރު ކުރީ 539 މިލިއަން ދޮލަރު ދެއްކުމަށެވެ.