ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވާގޮތުގެ މަތިން އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް ޑރ. އަހުމަދު އަބްދުﷲ ދީދީ އައްޔަނު ކުރައްވައިފިއެވެ.

ޑރ. ދީދީ މީގެ ކުރިން ހުންނެވީ ސުޕްރީމު ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުގައެވެ. ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އުއްތަމަ ފަނޑިޔާރުގެ މަގާމަށް ޑރ. ދީދީ އައްޔަނުކުރުމަށް ފެންނަ ކަމަށް 36 މެންބަރުން ވަނީ ވޯޓު ދެއްވައިފައެވެ.

މީގެ އިތުރުން ހުސްވެފައިވާ ސުޕްރީމުކޯޓުގެ ދެ ފަނޑިޔާރުންގެ މަގާމަށް ހައިކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ކުރިން ތިއްބެވި އަބްދުﷲ ދީދީއާއި، އަބްދުލްޣަނީ މުހައްމަދު ވެސް މިއަދު ވަނީ އައްޔަނު ކުރައްވައިފައެވެ. މި ދެބޭފުޅުން މަގާމަށް އައްޔަނު ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ރޭ ބޭއްވި ޖަލްސާގައެވެ. މި ދެބޭފުޅުން މަގާމަށް އައްޔަނު ކުރަން ފެންނަ ކަމަށް 36 މެންބަރުން ވޯޓު ދެއްވިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އުއްތަމަ ފަނޑިޔާރަށާއި ސުޕްރީމު ކޯޓުގެ ދެ ފަނޑިޔާރުންނަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ. ހުވައަށް ފަހު އެބޭފުޅުނަން ރައީސް އަބްދުﷲ ޔާމީން ވަނީ މަގާމުގެ ލިޔުން އަރުވާފައެވެ.

ޑރ. އަހްމަދު އަބްދުﷲ ދީދީ މަތީ ތަޢުލީމު ހޯއްދަވާފައިވަނީ މިސްރުގެ ޤާހިރާގެ އަލްއަޒްހަރު ޔުނިވަރސިޓީންނެވެ. މިގޮތުން ހާސިލުކުރައްވާފައިވާތަޢުލީމީ ސެޓިފިކެޓް ތަކަކީ؛

  • ޕަބްލިކް އިންޓަނޭޝަނަލް ލޯ ގެ ރޮނގުން ފަރސްޓް ކްލާސް އޮނަރގެ ދަރަޖައިން ޕީއެޗްޑީ

  • ކޮންސްޓިޓިއުޝަނަލް ލޯ ގެ ރޮނގުން އެކްސެލެންޓް ދަރަޖައިން މާސްޓަރސް ޑިގްރީ
  • ޕަބްލިކް ލޯ ގެ ރޮނގުން ޕޯސްޓް ގްރެޖުއޭޓް ސްޓަޑީސް
  • ޝަރީޢަތާއި ގާނޫނީ އިލްމުގެ ރޮނގުން ބެޗްލަރ އޮފް ލޯސް

ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން 1996 ވަނަ އަހަރު ވަކާލާތުކުރުމުގެ ހުއްދަ ލިބި ދިވެހިރާއްޖެ އާއި މިސްރުގައި ލީގަލް ކޮންސަލްޓެންޓެންޓެއްގެ ގޮތުގައި ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވަނީ މަސައްކަތްކުރައްވާފައެވެ.

ޑރ. އަޙްމަދު އަބްދުﷲ ދީދީ ވަނީ ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ މަގާމު 2010 ވަނަ އަހަރު ފުރުއްވާފައެވެ. އަދި 2008 ވަނަ އަހަރު ދިވެހިރާއްޖޭގެ އެޓާނީ ޖެނެރަލްގެ ނައިބުގެ މަޤާމު ފުރުއްވާފައިވެއެވެ.

ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީގެ އެކަޑަމިކް އަދި އިލްމީ މަސައްކަތްޕުޅުތަކުގެ ތެރޭގައި ލެކްޗަރަރއެއްގެ ގޮތުން ފެކަލްޓީ އޮފް ޝަރިއާ އެންޑް ލޯ، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ އަދި މޯލްޑިވްސް ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒްގައި ޕަބްލިކް އިންޓަނޭޝަނަލް ލޯ، ކޮންސްޓިޓިއުޝަނަލް ލޯ، އެޑްމިނިސްޓްރޭޓިވް ލޯ، އިސްލާމިކް ކޮންސްޓިޓިއުޝަނަލް ލޯ އަދި އިސްލާމިކް ކްރިމިނަލް ލޯ ކިޔަވައިދެއްވުން ހިމެނެއެވެ. އަދި ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އަކީ އިޖިޕްޝަން ސޮސައިޓީ އޮފް އިންޓަރނޭޝަނަލް ލޯއާއި ދިވެހިރާއްޖޭގެ އިސްލާމިކް ފިގުހު އެކަޑަމީގެ މެންބަރެކެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވި އަބްދުﷲ ދީދީ މީގެ ކުރިން ހައިކޯޓުގެ ފަނޑިޔާރުކަމާއި ކްރިމިނަލް ކޯޓުގެ ގާޒީކަންވެސް ކުރެއްވި ބޭފުޅެކެވެ.