ވޮޝިންޓަން (ޖޫން 28): އިރާނުގެ ތެޔޮ ގަތުން ހުއްޓާލުމަށާއި އިރާނާ އެކުވިޔަފާރީގެ މުއާމަލާތްތައްވެސް ކުރުން ހުއްޓާލުމަށް ގޮވާލައި، އެމެރިކާއިން ދުނިޔޭގެ ގައުމުތަކަށް އިންޒާރު ދީފިއެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާގެ އިސް މަސްއޫލުވެރިއަކު ޔޫރަޕުގެ ގައުމުތަކާއި ޖަޕާނާއި ދެކުނު ކޮރެއާއަށް ގޮވާލެއްވީ އިރާނުގެ ތެލަށް ބަރޯސާ ނުވުމަށާ އަންނަ ނޮވެމްބަރު މަސް ނިމުމުގެ ކުރިން އިރާނުގެ ތެޔޮ ގަތުން ހުއްޓާލުމަށެވެ. އިރާނުގެ ތެޔޮ ގަތުން ހުއްޓާނުލާނަމަ އެއީ އެމެރިކާގެ ރަހްމަތްތެރި ގައުމަކަށް ވިޔަސް އެމެރިކާގެ މާލީ ނިޒާމުގެ ތެރެއިން އެ ގައުމަކާ ދެކޮޅަށް މާލީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމަށް ނަން ހާމަކުރަން ނޭދޭ އެމެރިކާގެ މަސްއޫލުވެރިއަކު ވިދާޅުވިއެވެ.

އެމެރިކާ ވަނީ އެކަހެރި ގޮތެއްގައި އިރާނުގެ ނިއުކްލިއާ އެއްބަސްވުމުން ވަކިވުމަށްފަހު އީރާނާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާނެކަމުގެ އިންޒާރު ދީފައެވެ. އިރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގައި އެމެރިކާ ދުނިޔޭގައި އެކަހެރިވެފައި ވާއިރު މިކަމުގައި އެމެރިކާއާ ބައިވެރިނުވުމަށާއި އިރާނުގެ ނިއުކްލިއާ އެއްބަސްވުން ދެމެހެއްޓުމަށް އެމެރިކާގެ ރަހުމަތްތެރި، ވިލާތުގެ ގައުމުތަކުންވަނީ ނިންމާފައެވެ.

މީގެ އިތުރުން އެމެރިކާގެ ވާދަވެރިން ކަމަށްވާ ރަޝިއާއާއި ޗައިނާވެސް ވަނީ އިރާނުގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވި މައްސަލައިގައި އެމެރިކާއަށް ފާޑުކިޔައި، އިރާނުގެ ނިއުކްލިއާ އެއްބަސްވުން ދެމެހެއްޓުމަށް ނިންމާފައެވެ.

އިރާނާ ދެކޮޅަށް އދއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް މިހާރު ނެތިފައި އެމެރިކާ އެކަހެރި ގޮތެއްގައި އަޅާ ފިޔަވަޅުތަކެއްގައި ޔޫރަޕްގެ ގައުމުތައް ބައިވެރިނުވުމަށް ނިންމާފައި ވާތީ މިކަމުގެ އަސަރު އެމެރިކާ އެދޭވަރަށް ވުރެ އިރާނަށް ކުޑަވާނެކަމަށް ތަޖުރިބާކާރުން ބުނެއެވެ. ޚާއްސަކޮށް ޗައިނާއާއި ރަޝިއާފަދަ ގައުމުތަކުން މިކަމުގައި އިރާނަށް އެހީތެރިވާނެތީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރު ކޮންމެވެސް ވަރަކަށް ކުޑަވާނެކަމަށް އެފަރާތްތަކުން ދެކެއެވެ.

ނަމަވެސް އެމެރިކާގެ މާލީ ނިޒާމުގެ ކަމަށްވާ ޑޮލަރުގެ ނިޒާމުން އަދިވެސް ދުނިޔޭގެ 90 ޕަސަންޓު ވިޔަފަރީގެ މުއާމަލާތްކުރާތީ އެމެރިކާއިން އަޅާ ފިޔަވަޅުތަކުގެ މާލީ އަސަރު ގައުމުތަކަށް ވަރަށްބޮޑަށް ކުރެއެވެ. ދުނިޔޭގައި ޑޮލަރުގެ ބޭރުންވެސް މާލީ މުއާމަލާތްތައް ކުރެވޭނެ ނިޒާމުތައް ހުރެއެވެ. ނަމަވެސް މިއީ އަދި އެހާ އާންމުކަމެއް ނޫނެވެ.

އެމެރިކާގެ ހަރުކަށިކަން ބޮޑުވަމުން ދާތީ ޔޫރަޕްގެ ގައުމުތަކާއި ޗައިނާއާއި ރަޝިއާ ގެންދަނީ އެމެރިކާގެ ބަރާއި ޑިކްޓޭޓްކުރުމާ އަދި ހަރުކަށިކަމާ ކުރިމަތިލުމަށްޓަކައި އެމެރިކާގެ ޑޮލަރުގެ ނިޒާމު ނޫން އެހެން މާލީ ނިޒާމަކުން (ޔޫރޯ އާއި ޔުއާން ފަދަ) އިރާނާ މުއާމަލާތް ކުރުމާމެދު ވިސްނަމުންނެވެ. ނަމަވެސް މިކަމަށް އަދި ދުވަސްތަކެއް ނަގާނެއެވެ.

ޑޮލަރުން ބޭރު މާލީ ނިޒާމެއް ގާއިމުކުރެވިއްޖެނަމަ އެމެރިކާ އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އެއްވެސް އާރެއްބާރެއް ނޯންނާނެކަމަށާ އެ ހިސާބުން ގައުމުތަކަށް ބިރު ދެއްކުމަށް އެމެރިކާގެ އަތުގައި އޮތް ހަމައެކަނި ހަތިޔާރު އެމެރިކާއަށް ގެއްލިގެންދާނެކަމަށް ތަޖުރިބާކާރުން ދެކެއެވެ.

އަނެއްކޮޅުން އިންޑިޔާއަށް ވަޑައިގެން އުޅުއްވާ އދގައި ހުންނަވާ އެމެރިކާގެ ދާއިމީ މަންދޫބު ނިކީ ހޭލީވެސް ވަނީ އިރާނުގެ ތެލަށް ބަރޯސާނުވުމަށް އިންޑިއާއަށް ގޮވާލައްވާފައެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ އާ ބައްދަލުކުރެއްވުމަށްފަހު ހޭލީ ވިދާޅުވީ އިރާނުން ތެޔޮ އިމްޕޯޓްކުރާ ގައުމުތަކާ ދެކޮޅަށް އަންނަ ނޮވެމްބަރު މަހު އެމެރިކާއިން މާލީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމަށާ އޭގެ ކުރިން އިރާނުން ތެޔޮ އެކްސްޕޯޓްކުރުން ހުއްޓާލުން އިންޑިއާއަށް ރަނގަޅުވާނެ ކަމުގައެވެ.

އިރާނާއި އިންޑިއާ ސަރަހައްދުގެ ގޮތުން ގާތްވުމުން އިރާނުން ތެޔޮގަތުމަކީ އިންޑިއާއަށް ސަޕްލައިގެ ޚަރަދުގެ ވަރަށް ބޮޑު ބައެއް ކުޑަވެއެވެ. އެހެންކަމުން އިރާނުން ތެޔޮގަތުން ހުއްޓާލުން އިންޑިއާއަށް ފަސޭހަ ނުވާނެކަމަށް މުރާސިލުން ބުނެއެވެ.

އެމެރިކާއިން މިހާ ހަރުކަށި ގޮތެއްގައި އިރާނާ މުއާމަލާތްކުރަނީ އިސްރާއީލާ ދެކޮޅަށް އިރާނުން އަޑުއުފުލައި، އިސްރާއީލުގެ މަސްލަހަތާ ދެކޮޅަށް އިރާނުން މަސައްކަތްކުރާތީކަމަށް ދުނިޔޭގެ މަސްރަހު ދިރާސާކުރާ މުހައްލިލުން ވިދާޅުވެއެވެ.

އެމެރިކާ ވަނީ އިރާން އިނދަޖައްސާލައި، އެމެރިކާގެ ޝަރުތުތައް ގަބޫލުކުރުމަށް އިރާނަށް މަޖުބޫރުވާ ވަރުގެ ހަރުކަށި ވޭންދެނިވި ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާނެކަމުގެ އިންޒާރު އިރާނަށް ދީފައެވެ. ނަމަވެސް އިރާނާ ދެކޮޅަށް އެމެރިކާ ދަތިކުރުމުގެ ފިޔަވަޅުތައް މީގެކުރިންވެސް 40 އަހަރުވަންދެން އެޅިއިރުވެސް އިރާން އިނދަޖައްސާލެވިފައެއް ނުވެއެވެ.

(ނޫސްއެޖެންސީތައް)