11 Sep 2011, 16:30
ސްކޫލްތަކުގެ ދަރިވަރުންނަށް ފެތުމާއި އެނޫން ވެސް ފުރާނަ ސަލާމަތް ކުރުމަށް ބޭނުންވާ ހުނަރުތައް ( ލައިފް ސްކިލް) ދަސް ކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގުން ރިސޯޓްތަކަށް ހުޅުވާލާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
މިދިޔަ ހުކުރު ދުވަހު ކ. ހުރާގައި ހިނގާ ދިޔަ ހިތާމަވެރި ހާދިސާއެއްގައި ހިރިޔާ ސްކޫލްގެ ހަތަރު ދަރިވަރުންނާއި ޕްރިންސިޕަލް ގެނބިގެން މަރުވި ހާދިސާއާ ގުޅިގެން މިއަދު ހިރިޔާ ސްކޫލްގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި އެޑިއުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދު ވިދާޅުވީ އެފަދަ ޕްރޮގްރާމްތައް ހިންގުމަށް ބައެއް ރިސޯޓްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.
" ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރިސޯޓްތަކުގައި ވެސް ފަތަން ދަސްކޮށްދިނުމާއި ފަސްޓް އެއިޑް ދަސްކޮށްދެވޭ ފަދަ މީހުން އެބަތިބި، އެފަދަ ފަރާތްތަކަށް އަޅުގަނޑުމެން ހުޅުވާލާނަން ސްކޫލްތަކުގެ ދަރިވަރުންނަށް އެކަންތައްތައް ދަސްކޮށްދިނުމަށް، " ޝިފާ ވިދާޅުވި އެވެ.
ޝިފާ ވިދާޅުވީ ޓީޗަރުންނަށް ވެސް ފަތަން ދަސްވެފައި އޮތުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި ވިދާޅުވީ މިފަހަރު މިހިނގި ހާދިސާއިން އަޅުގަނޑުމެން ހުރިހާ އެންމެންވެސް ފިލާވަޅެއް ލިބިގަންނަން ޖެހޭ ކަމަށެވެ.
ހިރިޔާ ސްކޫލްގެ 32 ދަރިވަރުންނާއި ޓީޗަރުންތަކެއް ހުކުރު ދުވަހު ހުރާގެ ކޭމްޕަށް ގޮސް އުޅުމުގެ ތެރޭ ހަތަރު ދަރިވަރުންނާއި ޕްރިންސިޕަލް އަލީ ނާޒިމް ވަނީ މޫދަށް ގެނބިގެން މަރުވެފަ އެވެ. ހިރިޔާ ދަރިވަރުން ހުރައަށް ދިޔައީ ފިޝަރީޒް ސައިންސް ޕްރޮޖެކްޓެއް ފުރިހަމަ ކުރުމަށެވެ.