ފީފާ ވޯލްޑް ކަޕް 2014 ވަނަ އަހަރުގެ ޗެމްޕިއަން ޖަރުމަނު މިފަހަރު ވޯލްޑް ކަޕުން ކެޓީ ގްރޫޕް ސްޓޭޖުންނެވެ.

ރޭ ދެކުނު ކޮރެއާއާ ދެކޮޅަށް ކުޅުނު މެޗުން 2-0ގެ ނަތީޖާއަކުން ބަލިވެ، ޖަރުމަނަށް މުބާރާތުގެ ގަދަ 16ގެ ފުރުސަތު ގެއްލުނު އިރު، އެޓީމަށް މިފަހަރުގެ ވޯލްޑް ކަޕުން މޮޅުވެވުނީ އެންމެ މެޗަކުންނެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން އަނެއް ދެ މެޗުންވެސް އެޓީމު ވީ ބައްޔެވެ.

"މިއީ ޖަރުމަނަށް ލިބުނު މެސެޖެއް. އަހަރެން އުންމީދުކުރަން ޖަރުމަނުގެ ރައްޔިތުންނަށްވެސް މި މަންޒަރު ފެނުނު ކަމަށް. އެކަމާ އެއްޗެކޭ ބުނާނެ ކަމަށް،" ރޭގެ ބައްޔަށް ފަހު ޖަރުމަނުގެ ކޯޗު ޔޯކިމް ލޯވް ބުންޏެވެ.

ޖަރުމަނު ހިމެނޭ ގްރޫޕްގެ އެއްވަނައަށް ސްވީޑަން ދިޔައީ ރޭ ކުޅުނު މެޗުގައި 3-0ގެ ނަތީޖާއަކުން މެކްސިކޯ ބަލިކޮށްގެންނެވެ. ރޭގެ މެޗުގައި ސްވީޑަން މޮޅުވި ހިސާބުން ޖަރުމަނަށް ގަދަ 16އަށް ދިއުމަށް ކޮރެއާ ބަލިކުރަން މަޖުބޫރުވިއެވެ.

"އަހަރެމެންނަށް އެނގޭ ސްވީޑަން އޮތީ މޮޅުވެފައިކަން. އެ ހިސާބުން މޮޅުވާން މަޖުބޫރުވެސް ވި. އެކަމަކު ޓީމަކުން އެ މަޖުބޫރުކަމެއް ނުފެނުނު. ޓީމަށް ފަސޭހަކޮށް ޖަރުމަނުގެ ފުޓުބޯޅަ މުބާރާތުގެ އެއްވެސް މެޗެއްގައި ނުކުޅެވުނު. އެހެންވީމަ ކަޓައިގެން ދިއުން ހައްގު،" ލޯވް ބުންޏެވެ.

ލޯވް ބުނީ ޖަރުމަނަށް ޖެހިޖެހިގެން ދެފަހަރު ވޯލްޑް ކަޕް ކާމިޔާބުކުރަން ނުކުތް ނަމަވެސް، މި ފަހަރުގެ މުބާރާތުގައި ޓީމުން ދެއްކި ކުޅުމާއެކު އެކަން ޓީމަށް ހައްގުނުވާ ކަމަށެވެ.

މިއީ ޖަރުމަނުން ވޯލްޑް ކަޕެއްގެ ފުރަތަމަ ބުރުން ކަޓައިގެންދިޔަ ދެވަނަ ފަހަރެވެ. މީގެ ކުރިން ޖަރުމަނުން ވޯލްޑް ކަޕް ފުރަތަމަ ބުރުން ކަޓާފައި ވަނީ 1938 ވަނަ އަހަރުގައެވެ. އޭރު ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖު ތައާރަފުވެސް ކޮށްފައެއް ނުވެއެވެ. އަދި މިދިޔަ ހަތަރު ވޯލްޑް ކަޕްގައިވެސް ޖަރުމުން ވަނީ ސެމީ ފައިނަލް ކުޅެފައެވެ.