ވޮޝިންޓަން(ޖޫން 28): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންގެ ފުރަތަމަ ރަސްމީ ބައްދަލުވުން އަންނަ މަހު ބާއްވަން ދެގައުމުން އެއްބަސްވެއްޖެއެވެ.

ރައީސް ޓްރަމްޕް އެފަދައިން ވިދާޅުވީ އިއްޔެ އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޯން ބޯލްޓަން، ރައީސް ޕޫޓިންއާ ބައްދަލުކުރެއްވި ފަހުންނެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި އެބައްދަލުވުން ބާއްވާނެ ކަމަށް ބެލެވެނީ އަންނަ މަހު ބްރަސެލްސްގައި ބާއްވަން ހަމަޖެހިފައިވާ ނޭޓޯ ސަމިޓަށްފަހުގައެވެ. އަދި ބައްދަލުވުން ބާއްވާނެ ގައުމަކީ ފިންލޭންޑު ކަމަށް ވެދާނެއެވެ.

މީގެ އިތުރުން އެބައްދަލުވުމުގައި ދެބޭފުޅުން މަޝްވަރާ ކުރައްވާނެ ކަންތައްތަކުގެ ތެރޭގައި ސީރިއާ ހަނގުރާމައާއި ޔޫކްރެއިންގެ މައްސަލަ ހިމެނޭ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

މީގެ ކުރިން ޓްރަމްޕާއި ޕޫޓިން ވަނީ ވިއެޓްނާމުގައި މިދިޔަ ނޮވެމްބަރު މަހު ބޭއްވި އޭޝިއާ ޕެސިފިކް ސަމިޓުގައި ބައްދަލުކުރައްވާފައެވެ.

ޓްރަމްޕްގެ ރިޔާސީ ކެމްޕެއިނުން ވަނީ އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ރަޝިއާއާ ގުޅިގެން ސިއްރިއްޔާތުގައި މަސައްކަތްކޮށްފައި ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. ނަމަވެސް އެމައްސަލަ ތަހުގީގު ކުރި ކޮންގްރެސްގެ އިންޓެލިޖެންސް ކޮމިޓީން ވަނީ އެއީ ދޮގު ތުހުމަތުތަކެއް ކަމަށް ނިންމާފައެވެ. (ބީބީސީ)