28 Jun 2018, 02:36
ވޯލްޑް ކަޕް ގްރޫޕް އީގެ ދެވަނަ ޓީމުގެ ގޮތުގައި ސްވިޒަލޭންޑް ގަދަ 16އަށް ދަތުރުކޮށްފިއެވެ.
މިރޭ ސާބިއާއާ ދެކޮޅަށް ކުޅުނު މެޗު ބްރެޒިލުން ކާމިޔާބު ކުރި އިރު، ގްރޫޕްގެ އެއްވަނަ ލިބެނީ އެޓީމަށެވެ. 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16ގައި ވެސް ކުޅުނު ސްވިޒަލޭންޑް ގޮސްފައިވަނީ ގްރޫޕްގެ ދެވަނައަށެވެ.
މިރޭގެ މެޗަށް ނުކުތް އިރު، ގަދަ 16އަށް ދިއުމަށް ސްވިޒަލޭންޑަށް ބޭނުންވެފައި އޮތީ އެންމެ ޕޮއިންޓެކެވެ. އެހެން ނަމަވެސް އެ ގްރޫޕްގައި ކުޅުނު އަނެއް މެޗުގައި ސާބިއާއިން ބްރެޒިލާ ދެކޮޅަށް ކުޅެ ބަލިވުމާއެކު ސްވިޒަލޭންޑަށް މިރޭގެ މެޗުން ބަލިވި ނަމަވެސް ކޮލިފިކޭޝަން ޔަގީންވާނެއެވެ.

ސްވިޒަލޭންޑާއި ކޮސްޓަރީކާ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ
ނިޒްނީ ނޮވްގާރާޑް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު 2-2ގެ ނަތީޖާއަކުން ނިމުނު އިރު، ކޮސްޓަރީކާއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ ފަހުވަގުތުގައެވެ.
މިރޭގެ މެޗު ފެށިގެން ފުރަތަމަ ކޮޅުގައި ކޮސްޓަރީކާއިން ރަނގަޅަށް ކުޅުނު ނަމަވެސް ފުރަތަމަ ލީޑު ނެގީ ސްވިޒަލޭންޑުންނެވެ. ލެރިން ޒެމައިލީގެ ގޯލުން ސްވިޒަލޭންޑުން ލީޑު ނަގައި، ފުރަތަމަ ހާފް ނިންމާލީ އެޓީމުން ލީޑުގައި އޮވެގެންނެވެ. ރަނގަޅަށް ކުޅެމުން ދިޔަ ކޮސްޓަރީކާއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 56 ވަނަ މިނެޓުގައެވެ.
ކެންޑަލް ވަޓްސަންގެ ބޮލުން ކާމިޔާބުކުރި ގޯލާއެކު އިތުރު ހިތްވަރާއެކު ކުޅެމުން ދިޔަ ކޮސްޓަރީކާއަށް މެޗު އަނބުރާލުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރު ވެގެންދިޔަތަން ފެނިގެން ދިޔައެވެ. މެޗުގެ ކުރިން ގިނަ ބައެއްގެ ލޯތައް އަމާޒުވެފައިވާ ސްވިޒަލޭންޑްގެ ޒެރްދާން ޝަކީރީއައި ގްރެނިޓް ޒަކާވެސް މިރޭގެ މެޗުގައި ރަނގަޅަށް ކުޅުނުކަން ފާހަގަކޮށްލެވުނެވެ.

ސްވިޒަލޭންޑާއި ކޮސްޓަރީކާ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ
ހާއްސަކޮށް އަރިމަތިން ޝަކީރީގެ ބާރު ސްޕީޑް އޭނާ ވަނީ މެޗުގައި ބޭނުންކޮށްފައެވެ. މެޗު ނިމެން ދަނިކޮށް މެޗުގެ 88 ވަނަ މިނެޓުގައި ސްވިޒަލޭންޑުން އަނެއްކާވެސް ލީޑު ނެގިއެވެ. މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޖޯސެފް ޑާމިކް ސްވިޒަލޭންޑަށް ލީޑު ނެގައިދިން ނަމަވެސް އެޓީމަށް މިރޭގެ މެޗުން ސަލާމަތެއް ނުވެވުނެވެ.
ސްވިޒަލޭންޑުގެ ގޯލަށް މާގިނައިރެއް ނުވަނީސް ކޮސްޓަރީކާއަށް ވަނީ ޕެނެލްޓީ ލިބިފައެވެ. ޕެނެލްޓީގެ ވީއޭއާރް ރިވިއުއަށްފަހު ރެފްރީ ޕެނެލްޓީ ކެންސަލްކުރީ އޭގެ ކުރިން ކުޅުންތެރިއާ އޮފްސައިޑު މަގާމެއްގައި އޮވެ ބޯޅައަށް މަސައްކަތް ކުރުމުންނެވެ.
މެޗުގެ ފަހު މިނެޓުގައިވެސް ކޮސްޓަރީކާއަށް ނަސީބު ލެއްވީ ލިބުނު ޕެނެލްޓީންނެވެ. އޭރިއާ ތެރެއިން ޖޯލް ކެމްބަލްއަށް ކުރި ފައުލަށް ރެފްރީ ޕެނެލްޓީ ދީފައިވާ އިރު، ޕެނެލްޓީ ކުރިއަށް ފޮނުވާލީ ބްރައިން ރުއީޒްއެވެ.
ބްރައިން ރުއީޒްގެ ޕެނެލްޓީ ގޯލް ތެރެއަށް ވަނީ، ދަނޑީގައި ޖެހިފައި ނުކުތް ބޯޅަ ސްވިޒަލޭންޑް ކީޕަރު ޔާން ސޮމާގެ ބޮލުގައި ޖެހިފައެވެ.

ސްވިޒަލޭންޑާއި ކޮސްޓަރީކާ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ
ގަދަ 16ގައި އަންނަ ހޯމަ ދުވަހުގެ ރޭ 7:00ގައި ބްރެޒިލް ނުކުންނަން ޖެހޭނީ ގްރޫޕް އެފްގެ ދެވަނަ ހޯދި މެކްސިކޯއާ ދެކޮޅަށެވެ. އަދި އަންނަ އަންގާރަ ދުވަހުގެ ރޭ 7:00ގައި ކުޅޭ ގަދަ 16ގެ މެޗުގައި ސްވިޒަލެންޑް ނުކުންނަން ޖެހޭނީ ގްރޫޕް އެފްގެ އެއްވަނަ ހޯދި ސްވިޑަންއާ ދެކޮޅަށެވެ.