ފީފާ ވޯލްޑް ކަޕްގައި ސާބިއާ ބަލިކޮށް، ބްރެޒިލުން 'ގްރޫޕު އީ'ގެ އެއްވަނައިގެ ގޮތުގައި ގަދަ 16އަށް ދަތުރުކޮށްފިއެވެ.

ރަޝިއާގެ އޮޓްކްރީޓިޔޭ އެރީނާގައި މިރޭ ކުޅުނު މެޗުގައި ސާބިއާގެ މައްޗަށް ބްރެޒިލުން ކުރި ހޯދާފައިވަނީ 2-0ގެ ނަތީޖާއަކުންނެވެ.

ފީފާ ވޯލްޑް ކަޕްގައި ބްރެޒިލާއި ސާބިއާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ބްރެޒިލް މޮޅުވީ 2-0ގެ ނަތީޖާއަކުން -- ފޮޓޯ/ އޭޕީ

ގްރޫޕް އީގެ އެއްވަނައިގެ ގޮތުގައި ގަދަ 16އިން ޖާގަ ހޯދި ބްރެޒިލަށް ހަތް ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގެ ގޮތުގައި ގަދަ 16އިން ޖާގަ ހޯދި ސްވިޒަލެންޑަށް ލިބިފައިވަނީ ފަސް ޕޮއިންޓެވެ. ތިންވަނައިގައި ނިންމާލި ސާބިއާއަށް ތިން ޕޮއިންޓް ލިބިފައިވާ އިރު، ފުލުގައި އޮތް ކޮސްޓަ ރީކާއަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

ބްރެޒިލުން ވަރުގަދަ ކުޅުމަކާއެކު ފެށި ނަމަވެސް، ފުރަތަމަ ހާފުގެ ކުރީކޮޅުގައި އެޓީމުގެ ފުލް ބެކް މާސެލޯއަށް އަނިޔާވުމުން އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނެވެ. މެޗުގެ ދިހަވަނަ މިނެޓުގައި މާސެލޯގެ ބަދަލުގައި ކުޅެން ނުކުތީ ފިލިޕޭ ލުއިސްއެވެ.

ފީފާ ވޯލްޑް ކަޕްގައި ބްރެޒިލާއި ސާބިއާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ބްރެޒިލް މޮޅުވީ 2-0ގެ ނަތީޖާއަކުން -- ފޮޓޯ/ އޭޕީ

މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ދެއްކި ބްރެޒިލުން ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައިވެއެވެ. އެގޮތުން ގެބްރިއަލް ޖެސަސްއަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، އޭނާއަށް ސާބިއާގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ.

މެޗުގެ 36 ވަނަ މިނެޓުގައި ބްރެޒިލުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ފިލިޕް ކުޓީނިއޯ ދިން ރީތި ބޯޅައަކުން ބްރެޒިލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފީލްޑަރު ޕައުލީނިއޯއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ސާބިއާގެ ގޯލްކީޕަރު ލަޑިމިއާ ސްޓޮޖްކޮވިޗް ބޯމަތިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ވެސް ބްރެޒިލަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ފިލިޕޭ ލުއިސް ދިން ބޯޅައަކުން ނޭމާ ފޮނުވާލި ހަމަލާ ދިޔައީ ސާބިއާ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ބްރެޒިލް ކުރީގައި އޮވެގެންނެވެ.

ފީފާ ވޯލްޑް ކަޕްގައި ބްރެޒިލާއި ސާބިއާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ބްރެޒިލް މޮޅުވީ 2-0ގެ ނަތީޖާއަކުން -- ފޮޓޯ/ އޭޕީ

މެޗުގެ ދެވަނަ ހާފު ސާބިއާއިން ފެށީ އެޓޭކިން ކުޅުމަކާއެކުއެވެ. ނަތީޖާއެއްގެ ގޮތުން ހާފުގެ ކުރީކޮޅު ސާބިއާއިން ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. އެގޮތުން އެޑަމް ލަޖިޗްއާއި ސާގޭ މިލިންކޮވިޗް ސަވިޗް އަދި ނުރައްކާތެރި ފޯވަޑް އެލެކްސެންޑާ މިޓްރޮވިޗްއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.

ސާބިއާއިން ކުރިއަށް ޖެހި ކުޅެން ފެށުމާއެކު އޭގެ ފައިދާ ނެގުމަށް ބްރެޒިލުން މަސައްކަތްކުރިއެވެ. ސާބިއާގެ ގޯލަށް ނުރައްކާކުރުމަށް މަސައްކަތްކޮށް، ބްރެޒިލުން ލީޑު ފުޅާކުރީ މެޗުގެ 68 ވަނަ މިނެޓުގައެވެ. ނޭމާ ނަގައިދިން ކޯނަރަކުން ބްރެޒިލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ތަޖުރިބާކާރު ޑިފެންޑަރު ތިއާގޯ ސިލްވާއެވެ.

އެ ލަނޑަށްފަހު ސާބިއާގެ މިޓްރޮވިޗްގެ ފަރާތުން ހަމަލާތަކެއް ފެނިގެންދިޔަ އިރު، ބްރެޒިލްގެ ތަރި ނޭމާ ވެސް ސާބިއާގެ ގޯލަށް ނުރައްކާ ކުރަމުންދިޔައެވެ. އެގޮތުން މެޗު ނިމެނިކޮށް، ނޭމާއަށް ލިބުނު ހުސް ފުރުސަތު ފާހަގަކޮށްލެވެއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ނޭމާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ސާބިއާގެ ކީޕަރު ސްޓޮޖްކޮވިޗްއެވެ.

ގަދަ 16ގައި އަންނަ ހޯމަ ދުވަހުގެ ރޭ 7:00ގައި ބްރެޒިލް ނުކުންނަން ޖެހޭނީ ގްރޫޕް އެފްގެ ދެވަނަ ހޯދި މެކްސިކޯއާ ދެކޮޅަށެވެ. އަދި އަންނަ އަންގާރަ ދުވަހުގެ ރޭ 7:00ގައި ކުޅޭ ގަދަ 16ގެ މެޗުގައި ސްވިޒަލެންޑް ނުކުންނަން ޖެހޭނީ ގްރޫޕް އެފްގެ އެއްވަނަ ހޯދި ސްވިޑަންއާ ދެކޮޅަށެވެ.