28 Jun 2018, 10:44
ޖަރުމަނުވިލާތުގައި ރާއްޖޭގެ ފަތުރުވެރިކަންް އިސްތިހާރު ކުރުމަށް އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީއާއި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގުޅިގެން ޚާއްސަ ކެމްޕެއިނެއް ފަށައިފިއެވެ.
މި ކެމްޕެއިނުގެ ދަށުން ޖަރުމަނުގެ ބާލިންގައި ހުންނަ މޯލް އޮފް ބާލިންގައި ހުންނަ ޑރ. މަޚްތް ސެލޫން އާ ގުޅިގެން ރާއްޖެ ޕްރޮމޯޓު ކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދާނެއެވެ.
މޯލް އޮފް ބާލިން އަކީ ބާލިންގައި ހުރި އެންމެ ބޮޑު އަދި އެންމެ މަޝްހޫރު މޯލް އެވެ. މިއީ ބާލިންގެ ރައްޔިތުންނާއި އެ ގައުމަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައިވެސް ރާއްޖެ އިސްތިހާރު ކުރުމަށް ހިންގާ ހަރަކާތެކެވެ. މޯލްގައި ހުންނަ ހުރިހާ ޓީވީ އަކުން ރާއްޖެ ޕްރޮމޯޓު ކުރުމަށް އިސްތިހާރު ދައްކާނެއެވެ. މީގެ އިތުރުން ސެލޫންގައި ރާއްޖެއަށް ޚާއްސަ ކޯނަރެއް ގާއިމްކޮށް ރާޢްޖެ ޕްރޮމޯޓު ކުރުުމަށް ތަފާތު މެޓީރިއަލްތައް ޑިސްޕްލޭ ކުރާނެއެވެ.
ސެލޫނަށް ޒިޔާރަތްކުރާ ކްލަޔަންޓުންނަށް ރާއޖެއާ ގުޅޭ ސުވާލުކޮށް އެ ސުވާލުތަކުގެ ޖަވާބުދޭ މީހުންގެ މެދުގައި ގުރުއަތު ނަގައި ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމުގެ ފުރުސަތު ދޭނެއެވެ.
ޖަރުމަނަކީ ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކުރާ ގައުމެވެ. މިދިޔަ އަހަރު އެގައުމުން 112،109 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރިއެވެ.