11 Sep 2011, 16:18
މިދިޔަ ބުރާސްފަތި ދުވަހު އެގާރަ ޓީމާ އެކު ފެށި ތިން ވަނަ ގައުމީ ބީޗް ވޮލީބޯޅަ މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ޔުމްނާ އަބްދުލް އަޒީޒާއި އައިޝަތު ނާޒިމާ ހޯދައިފި އެވެ. ހުކުރު ދުވަހު ހުރާގައި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން މުބާރާތުގެ މެޗްތައް ފަސްކުރުމަށް ފަހު އަލުން އިއްޔެ މުބާރާތް ވަނީ ފަށާފަ އެވެ.
މިމުބާރާތުގެ އަންހެން އޯޕަން ބައިގެ ފައިނަލުގައި ހަލީމަތު ސަމާ އާއި އާމިނަތު ޒީނާ އާ ވާދަކޮށް ޔުމްނާ އާއި ނާޒިމާ މޮޅުވީ 2-0 އިންނެވެ. މުބާރާތުގެ ފައިނަލާއި ހަމައަށް ދަތުރުކޮށް އަންހެން އޯޕަން ބައިގެ ޗެމްޕިއަންކަން ހޯދި ޔުމްނާ އާއި ނާޒިމާ 36 މިނެޓުގެ މިމެޗުގައި ވެސް މޮޅު ކުޅުމެއް ދައްކާފައިވެ އެވެ. އަންހެން އޯޕަން ބައިގެ ތިން ވަނަ މަގާމު ހޯދީ ޒީނިއާ މޫސާ އާއި ނުހާ ވަހީދު އެވެ.
މިމުބާރާތުގެ ފިރިހެން އޯޕަން ބައިގެ ކުޅުން މިއަދު ވަނީ ފަށާފަ އެވެ. މިބައިގައި ޖުމްލަ 22 ޕެއާ ވަދަކުރާނެ އެވެ.
އާޓިފިޝަލް ބީޗު ސަރަހައްދުގައި އޮންނަ ދޮންގަނޑު ބީޗް ކޯޓުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތިންވަނަ ބީޗް ގައުމީ ވޮލީބޯޅަ މުބާރާތުގައި ތިން އަންހެން ޓީމާއި އަށް ފިރިހެން ޓީމު ބައިވެރިވި އެވެ. އޯޕަން ބައިގައި އަށް އަންހެން ޕެއާ އާއި 22 ފިރިހެން ޕެއާ ބައިވެރިވެ އެވެ. މިމުބާރާތުގެ މެޗުތައް ފެށުނީ ބުރާސްފަތި ދުވަހު ހެނދުނެވެ. ބުރާސްފަތި ދުވަހު ކުރިއަށް ދިޔައީ ޓީމު އިވެންޓް ތަކެވެ.
ޓީމު އިވެންޓުތަކުގެ ފިރިހެން ޗެމްޕިއަންކަން ޕޮލިސް ކުލަބާއި ވާދަކޮށް ގުޑީސް ހޯދާފައި ވަނީ 2-1 އިންނެވެ. ފިރިހެން ޓީމު އިވެންޓުތައް ބުރާސްފަތި ދުވަހު ވަނީ ނިމިފަ އެވެ. އަންހެން ޓީމު އިވެންޓުގެ ވެސް ފައިނަލުން ޖާގަ ހޯދާފައި ވަނީ ޕޮލިސް ކުލަބާއި ގުޑީސް އެވެ. މި އިވެންޓުގެ ފައިނަލު މެޗު ފަސްކޮށް މިހާރު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހު ހަވީރު 16:00 ގައެވެ.