27 Jun 2018, 23:50
ދިވެހިރާއްޖެއާ ސްރީލަންކާ އާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުމާ ގުޅޭގޮތުން ރާއްޖެއިން ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު)، ލަންކާގެ ވިޔަފާރިވެރީންނާއެކު މަޝްވަރާތަކެއް ކުރައްވައިފިއެވެ.
ސްރީލަންކާގެ ޗެމްބަރ އޮފް ކޮމާރސް އިން އިންތިޒާމް ކޮށްގެން މިއަދު ބޭއްވި ސެޝަންގައި ސްރީލަންކާގެ ގިނަ އަދަދެއްގެ ވިޔަފާރިވެރިން ބައިވެރިވިއެވެ.
އެ ސެޝަންގައި ބައިވެރިވި ވިޔަފާރިވެރިންނަށް މައުލޫމާތު ދެއްވަމުން ސަފީރު މުންދު ވަނީ ދެގައުމު ދޭތެރޭގައި އޮތް ޒަމާންވީ ވިޔަފާރީގެ ގުޅުމުގެ މައްޗަށް އަލި އަޅުވާލައްވާ ވާހަކަ ދައްކަވައިފައެވެ.
ސްރީލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ގައުމެއްކަމަށާއި، އޭގެ މަންފާ ސްރީލަންކާގެ ވިޔަފާރިވެރިންނަށާއި އިގްތިޞާދަށްވެސް ކުރަމުން އަންނަ ކަމަށް މުންދު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ އިގްތިޞާދީ ފުރިހަމަ ސިޔާސަތުގެ ދަށުން ވިޔަފާރީގެ އެކި އެކި ފުރުޞަތުތައް މިހާރު ދިވެހިރާއްޖޭގައި ވަރަށް ބޮޑަށް ތަނަވަސްވެފައިވާކަމަށާއި، އެފުރުޞަތުތަކުގެ ބޭނުން ސްރީލަންކާގެ ބޮޑެތި ކުންފުނި ތަކުން ހިފަމުން އަންނަކަމަށްވެސް ވިދާޅުވިއެވެ.
ސަފީރުވަނީ ސްރީލަންކާގެ ކުންފުނިތަކުން ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި އިންވެސްޓް ކުރުމުގެ އިތުރުން، މިހާރު ދިވެހިރާއްޖޭގައި ފުޅާވަމުން އަންނަ ކޮންސްޓްރަކްޝަން ދާއިރާގައިވެސް ސްރީލަންކާގެ ކުންފުނިތައް ހަރަކާތްތެރިވަމުން އަންނަކަން ފާހަގަކުރައްވައިފައެވެ. އަދި ދިވެހި ބައެއް ކުންފުނިތައް ސްރީލަންކާގެ ޓޫރިޒަމްގައިވެސް އިންވެސްޓް ކުރަމުން އަންނަ ކަމަށާއި އެކި ދާއިރާތަކުން ރާއްޖޭގައި އިންވެސްޓްކުރަން ފަހި މާހައުލެއް އެބައޮތް ކަމަށް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ރައީސް ޔާމީން ދިވެހިރާއްޖޭގެ އިގްތިޞާދު އާ އުސްމިންތަކަކަށް ގެންދެވުމުގެ ގޮތުން އެކުލަވާލައްވާފައިވާ އިގްތިޞާދީ މެނިފެސްޓޯ އާ ބެހޭގޮތުންވެސް ސަފީރު ވަނީ ވާހަކަ ދައްކަވައިފައެވެ. ސަފީރު ވިދާޅުވީ ރައީސް ޔާމީން 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތީ އިޤްތިޞާދީ ފުރިހަމަ މެނިފެސްޓޯއެއް ހިއްޕަވައިގެން ކަމަށާއި އެ މެނިފެސްޓޯއަކީ ނަމޫނާ މެނިފެސްޓޯއެއް ކަމަށެވެ. އަދި ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފަސޭހަކަމާއި ރާއްޖޭގައި އިންވެސްޓްކުރުމުން ނިކުންނަ ރަނގަޅު ނަތީޖާ މިހާރު ރާއްޖޭގައި އިންވެސްޓްކޮށްގެން ތިބި ސްރީލަންކާގެ އިންވެސްޓަރުންނަށް ފެންނަމުންދާނޭ ކަމަށް ވިދާޅުވިއެވެ.
ދިވެހިރާއްޖެއާ ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުމުގެ މައްޗަށް އަލިއަޅުއްވައި ވާހަކަ ދައްކަވަމުން ސަފީރު ވިދާޅުވީ ދިވެހިރާއްޖެއަކީ ހުރިހާ ދާއިރާއަކުން ބެލިކަމުގައިވީނަމަވެސް ސްރީލަންކާގެ ވަރަށް ގާތް ބައިވެރިއެއް ކަމަށެވެ. މިގޮތުން ދެ ޤައުމުގެ ޒަމާންވީ ގުޅުމުގައި އެކި ދާއިރާތަކުން މިއަދު ގުޅުންތައް ބަދަހިވެފައިވާކަމީ ފާހަގަކޮށްލަންޖެހޭ ކަމެއް ކަމަށް ސަފީރު ވިދާޅުވިއެވެ.