27 Jun 2018, 22:08
ވޯލްޑް ކަޕް ގްރޫޕް އެފްގެ އެއްވަނަ ޓީމުގެ ގޮތުގައި ސްވިޑަން ގަދަ 16އަށް ދަތުރުކޮށްފިއެވެ.
އެ ގްރޫޕްގައި ސްވިޑަންއިން މިރޭ ކުޅުނު މެޗުގައި މެކްސިކޯ ބަލި ކުރި އިރު، އަނެއް މެޗުގައި ދެކުނު ކޮރެއާއިން ވަނީ ޖަރުމަނު ބަލިކޮށްފައެވެ.
ޖަރުމަނުން އެ މެޗުން ބަލިވެ ގްރޫޕް ސްޓޭޖުން ކަޓާފައިވާ އިރު، ސްވިޑަންއަށް ގްރޫޕްގެ އެއްވަނަ ލިބެނީ ތިން މެޗުން ހަ ޕޮއިންޓާއެކުގައެވެ. މެކްސިކޯއަށްވެސް ތިން މެޗުން ހަ ޕޮއިންޓް ލިބުނު ނަމަވެސް އެޓީމު ދެވަނައަށް ދިޔައީ ފައިދާ ގޯލެއް މަދުވުމުންނެވެ.
ސްވިޑަންއިން އެންމެ ފަހުން ގަދަ 16އަށް ދަތުރުކުރީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގައެވެ. އޭގެ ފަހުން ކުޅުނު 2010 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕަށްވެސް ސްވިޑަން ކޮލިފައިވެފައި ނުވާ އިރު، މެކްސިކޯ ވަނީ އެންމެފަހުގެ ވޯލްޑް ކަޕްގެވެސް ގަދަ 16އަށް ދަތުރުކޮށްފައެވެ. އަދި އެޓީމުން 1994 ވަނަ އަހަރަށްފަހު ކޮންމެ ވޯލްޑް ކަޕަކުންވެސް ކަޓައިގެން ދިޔައީ ގަދަ 16އިންނެވެ.

ސްވިޑަންއާއި މެކްސިކޯ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ
މިރޭގެ މެޗުން ސްވިޑަން މޮޅުވި އިރު، މެޗުގެ ތިން ގޯލްވެސް ފެނުނީ ދެވަނަ ހާފްގައެވެ. ފުރަތަަމަ ހާފްގައި އެންމެ ފާހަގަކޮށްލެވުނީ ސްވިޑަންއިން ލިބުނު ޕެނެލްޓީއެވެ. މެކްސިކޯގެ ހާވިއާ ހެނާންޑޭސްގެ އަތުގައި މެކްސިކޯ އޭރިއާ ތެރެއިން ޖެހުނު ކަމަށް ބުނެ ރެފްރީ ޕެނެލްޓީ ދިން ނަމަވެސް ވީއޭއާރް ރިވިއުއަށްފަހު ރެފްރީ ވަނީ ޕެނެލްޓީ ނުދޭން ނިންމައިފައެވެ.
މެކްސިކޯގެ ފަރާތުން ފުރަތަަމަ ހާފްގައި ނުރައްކާތެރި ހަމަލާއެއް ފެނުނީ ކާލޮސް ވެލާގެ ފަރާތުންނެވެ. އޭނާ ކާވް ކޮށްލި ބޯޅަ ބޭރަށް ދިޔައީ ގޯލްގެ އަރިމަތީ ދަނޑީގެ ކައިރިންނެވެ.
ފަހު ހާފަށް ނުކުމެ މެޗުގެ 50 ވަނަ މިނެޓުގައި ސްވިޑަންއިން ލީޑު ނެގިއެވެ. ލުޑްވިގް އޮގަސްޓިންސަންގެ ގޯލުން ސްވިޑަން ލީޑު ނެގި އިރު، އޭނާ އެ ގޯލް ޖެހީ ވިކްޓާ ކްލައިންސަން ފޮނުވާލި ހަމަލާގައި ބްލޮކް ވެގެން ދިޔަ ބޯޅަ، ހުސްކޮށް އޮވެ ގޯލް ތެރެއަށް ފޮނުވާލައިގެންނެވެ.

ސްވިޑަންއާއި މެކްސިކޯ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ
އޭގެ 12 މިނެޓް ފަހުން ސްވިޑަންއިން ލީޑު ފުޅާކުރިއެވެ. މެކްސިކޯގެ ހެކްޓާ މޮރޭނޯ، ސްވިޑަންގެ މާކަސް ބާގަށް އޭރިއާ ތެރެއިން ކުރި ފައުލަކަށް ރެފްރީ ދިން ޕެނެލްޓީ ކާމިޔާބުކޮށް ސްވިޑަންއަށް ދެވަނަ ގޯލް ޖަހައިދިނީ އަންދްރޭސް ގްރަންގްވިސްޓެވެ.
ސްވިޑަންއިން ދެ ގޯލް ޖެހުމާއެކު މެކްސިކޯއިން ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅެން ފެށިއެވެ. ހާއްސަކޮށް އެޓީމުގެ ކުރިއަށް ކުޅުނު ކުޅުންތެރިންގެ ފަރާތުން ހަލުވި ކުޅުމެއް ފެންނަން ފެށިއެވެ.
މެޗުގެ ފަހު ވަގުތުގައި މެކްސިކޯއިން ކުރިއަށް ޖެހިގެން ކުޅުމުގެ ފައިދާ ނަގާ ސްވިޑަންއިން ކައުންޓާ އެޓޭކަށް ވިސްނައިގެން ކުޅުނުކަން ފާހަގަކޮށްލެވުނެވެ. ސްވިޑަންގެ ތިންވަނަ ގޯލަކީ މެޗުގެ 74 ވަނަ މިނެޓުގައި މެކްސިކޯގެ ޑިފެންޑަރު އެޑްސަން އަލްވަރޭޒް އަތުން ބައިކޮޅަން ވަން ގޯލެކެވެ. މެކްސިކޯ އޭރިއާ ތެރޭގައި އަލްވަރޭޒް ހުރެ ސާފްކޮށްލަން ޖެހި ބޯޅަ ދިޔައީ ބައިކޮޅު ގޯލްގެ ތެރެއަށެވެ.
މެޗުގެ ފަހު ވަގުތުގައި މެކްސިކޯގެ ވެލާއަށް އަނެއްކާވެސް ފުރުސަތެއް ލިބުނު އިރު، އޭނާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ބޭރަށެވެ.

ސްވިޑަންއާއި މެކްސިކޯ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ
ގްރޫޕްގެ އެއްވަނަ ސްވިޑަންއަށް ލިބުނު އިރު، އެޓީމު ކުޅެން ޖެހޭނީ ބްރެޒިލް ހިމެނޭ ގްރޫޕް އެފްގެ ދެވަނަ ޓީމާއެވެ. މެކްސިކޯ ކުޅެން ޖެހޭނީ އެ ގްރޫޕްގެ އެއްވަނަ ހޯދާ ޓީމާ ދެކޮޅަށެވެ.