27 Jun 2018, 21:42
ޕްރިންސް ވިލިއަމް މިހާރު މެދުއިރުމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް އާ ބައްދަލު ކުރައްވައިފިއެވެ.
ރާމަﷲ ގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ޕްރިންސް ވިލިއަމް ވިދާޅުވީ ފަލަސްތީނާ އިސްރާއިލާ ދެމެދު ސުލްހަ ގާއިމް ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. ފަލަސްތީނުގެ ރައީސް ވިދާޅުވީ އިސްރާއިލާއެކު ސުލްހަ ގާއިމް ކުރަން އެގައުމުންވެސް ބޭނުންވާ ކަމަށެވެ.
ޕްރިންސް ވިލިއަމް އިއްޔެ ވަނީ އިސްރާއިލަށް ވަޑައިގެން އެ ގައުމުގެ ރައީސް ރެއުވެން ރިލްވިން އާ ބައްދަލު ކުރައްވައިފައެވެ.
ދެ ގައުމުގެ ފަރާތުންވެސް ސުލްހަ ގާއިމް ކުރަން ތައްޔާރަށް ތިބިކަން ޕްރިންސް ވިލިއަމް ވަނީ ފާހަގަ ކުރައްވައިފައެވެ.
މިއީ އިނގިރޭސި ޝާހީ އާއިލާގެ ބޭފުޅަކު ފަލަސްތީނު - އިސްރާއިލު ސަރަހައްދަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ ފުރަތަމަ ފަހަރެވެ. ވިލިއަމްގެ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ އުރުދުން އަށެވެ.