ދެކުނު ކޮރެއާއިން ފީފާ ވޯލްޑް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަން ކަޓުވާލައިފިއެވެ.

ރަޝިއާގެ ކަޒަން އެރީނާގައި މިރޭ ޖަރުމަނާއި ކޮރެއާ ބައްދަލުކުރި 'ގްރޫޕް އެފް'ގެ މެޗުން ކޮރެއާ މޮޅުވީ 2-0ގެ ނަތީޖާއަކުންނެވެ.

ޖަރުމަނަށް ވޯލްޑް ކަޕްގެ ގަދަ 16ގެ ޖާގައެއް ގެއްލުނީ ގްރޫޕް އެފްގެ އަނެއް މެޗުގައި 3-0ގެ ނަތީޖާއަކުން މެކްސިކޯގެ މައްޗަށް ސްވިޑަނުން ކުރި ހޯދުމުންނެވެ. ފަހު މެޗަށް ނުކުތް އިރު، މެކްސިކޯއާއި ސްވިޑަން އަދި ކޮރެއާއަށް ވެސް ގަދަ 16ގެ ޖާގަތައް ހޯދުމުގެ ފުރުސަތު އޮތެވެ.

ގްރޫޕްގެ އެއްވަނައިގައި ނިންމާލި ސްވިޑަނާއި ދެވަނައިގައި ނިންމާލި މެކްސިކޯއަށް ވެސް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ސްވިޑަން ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ވޯލްޑް ކަޕުން އަލްވަދާއު ކިޔަން ޖެހުނު ކޮރެއާއާއި ޖަރުމަނަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ޖަރުމަނުން ކުޅުނު ނަމަވެސް، ނުރައްކާތެރި ޓީމެއްގެ ގޮތުގައި ފެނިގެންދިޔައީ ކޮރެއާއެވެ. އެގޮތުން މެޗުގެ 19 ވަނަ މިނެޓުގައި ކޮރެއާއިން ފޮނުވާލި ހިލޭ ޖެހުން ފާހަގަކޮށްލެވެއެވެ. ޖުންގް ވޫ ޔަންގް ފޮނުވާލި ހަމަލާ، ޖަރުމަންގެ ކީޕަރު މެނުއެލް ނޯޔާއާ ދިމާއަށް ދިޔަ ނަމަވެސް، އޭނާ އަތުން ވަނީ އެ ބޯޅަ ދޫވެފައެވެ. ރީބައުންސް ބޯޅައަށް ސޮން ހިއުން މިން ދިއުމުގެ ކުރިން ނޯޔާ ވަނީ އެ ބޯޅަ ދިފާއުކޮށްފައެވެ.

އެ ލަނޑުގެ އިތުރުން ކޮރެއާގެ ތަރި ސޮންއަށް ލަނޑުޖަހާނެ ފުރުސަތެއް ލިބިގެންދިޔައެވެ. މެޗުގެ 24 ވަނަ މިނެޓުގައި އޭނާ ފޮނުވާލި ހަމަލާ، ޖަރުމަންގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

ޖަރުމަނާއި ކޮރެއާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މެޗުގެ ފުރަތަމަ ހާފު ނިމެނިކޮށް، ޖަރުމަނަށް ލަނޑުޖަހާނެ ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ކޯނަރެއްގެ ތެރެއިން މެޓްސް ހުމުލްސް ބޮލުން ފޮނުވާލި ހަމަލާއެއް ކޮރެއާގެ ކީޕަރު ޗޯ ހިއުން ވޫ ދިފާއުކުރި އިރު، ޓިމޯ ވާނާ ފޮނުވާލި ހަމަލާއެއް ކޮރެއާ ގޯލުގެ ދަނޑިއަށް އަމާޒުވިއެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ޖަރުމަނުގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔަ އިރު، އެޓީމުން ވަނީ ކޮރެއާގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލައިފައެވެ. ދެވަނަ ހާފުގައި ލަނޑުޖަހާނެ ފުރަތަމަ ފުރުސަތު ވެސް ތަނަވަސްކުރީ ޖަރުމަނުންނެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ލިއޯން ގްރެޓްޒްކާ ފޮނުވާލި ހަމަލާ، ކޮރެއާގެ ކީޕަރު ޗޯ ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ސެމީ ކެދީރާއާއި ގޮރެޓްޒްކާގެ ބަދަލުގައި މާރިއޯ ގޮމޭޒްއާއި ތޯމަސް މުލާ ކުޅެން ނުކުތުމާއެކު ޖަރުމަންގެ ކުޅުން އިތުރަށް ވަރުގަދަވެގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން ޖަރުމަނުން ކޮރެއާގެ ގޯލަށް ނުރައްކާކުރަން ފެށިއެވެ. ޖަރުމަނުން ފޮނުވާލި ހަމަލާތަކުގެ ތެރެއިން މެޗުގެ 68 ވަނަ މިނެޓުގައި ގޮމޭޒް ފޮނުވާލި ހަމަލާ ފާހަގަކޮށްލެވެއެވެ. އެ ހަމަލާގެ ހުރަހަކަށްވީ ކޮރެއާގެ ކީޕަރު ޗޯއެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދަނިކޮށް، ޓޯނީ ކްރޫސްއާއި ހުމުލްސްއަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވެއެވެ. އޭގެ ތެރެއިން ކޮރެއާގެ ކީޕަރު ޗޯއަށް ދިފާއުކުރަން ޖެހުނީ ހަމައެކަނި ކްރޫސް ފޮނުވާލި ހަމަލާއެކެވެ.

މެޗުގައި ކޮރެއާއިން ޖެހި ދެ ލަނޑު، އެޓީމުން ކާމިޔާބުކުރީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައެވެ. ސޮން ނަގައިދިން ކޯނަރަކުން ކޮރެއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ކިމް ޔަންގް ގުވޮންއެވެ. އެ ލަނޑު ޖެހި އިރު، އޮފްސައިޑްގައި ކިމް އޮތްތޯ ބެލުމަށް ވީއޭއާރްގެ އެހީ، ރެފްރީ ހޯދި ނަމަވެސް ނިންމުމަކަށް ވެގެންދިޔައީ އެއީ ގޯލެއްގެ ގޮތުގައެވެ.

އޭގެ މާގިނައިރުތަކެއް ނުވަނީސް ޖަރުމަންގެ ތަޖުރިބާކާރު ކީޕަރު އަދި އެޓީމުގެ ކެޕްޓަން ނޯޔާއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ކޮރެއާއިން ވަނީ ލީޑު ފުޅާކޮށްފައެވެ. ޖޫ ސެ ޖޮންގް ދިން ބޯޅައަކުން ކޮރެއާގެ ކެޕްޓަން ސޮން ބޯޅަ ފޮނުވާލި ހުސް ގޯލަކަށެވެ. އޭރު ކީޕަރު ނޯޔާ ހުރީ ވަރަށް ކުރިއަށް ނުކުމެއެވެ.

ކޮރެއާގެ ދެވަނަ ލަނޑަށް ފަހު ޖަރުމަނުގެ މުޅި ޓީމު އެއްކޮށް ކުރިއަށްޖެހި ނުރައްކާ ކުރަން ފެށިއެވެ. ޖަރުމަންގެ ޖޫލިއަން ބްރޭންޑްޓް ފޮނުވާލި ހަމަލާއެއް ކޮރެއާގެ ކީޕަރު ދިފާއުކުރި އިރު، ހުމުލްސް ފޮނުވާލި ހަމަލާއެއް ގޯލާ އަމާޒުނުވެ ބޭރަށް ދިޔައެވެ.

އެ ގްރޫޕުން ގަދަ 16އިން ފެނިގެންދާނީ ސްވިޑަންއާއި މެކްސިކޯއެވެ. ގަދަ 16ގައި އަންނަ އަންގާރަ ދުވަހުގެ ރޭ 7:00ގައި ސްވިޑަން ނުކުންނަން ޖެހޭނީ ގްރޫޕް އީގެ ދެވަނަ ހޯދާ ޓީމާ ދެކޮޅަށެވެ. އަދި އަންނަ ހޯމަ ދުވަހުގެ ރޭ 7:00ގައި މެކްސިކޯ ނުކުންނަން ޖެހޭނީ ގްރޫޕް އީގެ އެއްވަނަ ހޯދާ ޓީމާ ދެކޮޅަށެވެ.

ގްރޫޕް އީގެ އެއްވަނަ އަދި ދެވަނަ ހޯދާ ޓީމު އެނގިގެންދާނީ މިރޭ 11:00ގައި ކުޅޭ އެ ގްރޫޕުގެ ފަހު މެޗުތަކަށްފަހުއެވެ. މިރޭ ބްރެޒިލުން ސާބިއާއާ ދެކޮޅަށް ނުކުންނަ އިރު، ސްވިޒަލެންޑް ނުކުންނާނީ ކޮސްޓަ ރީކާއާ ދެކޮޅަށެވެ. ކޮސްޓަ ރީކާ ފިޔަވާ އެ ގްރޫޕުގައި ދެން ހިމެނޭ ތިން ޓީމަށް ވެސް ގަދަ 16ގެ ޖާގަތައް ހޯދުމުގެ ފުރުސަތު އެބައޮތެވެ.