27 Jun 2018, 21:04
އިދިކޮޅު ކޯލިޝަނަށް ފުރުސަތު ނުދީ ބާއްވާ އިންތިޚާބެއް ސައްހަ ނުވާނެކަމަށް ބުނެ އޮސްޓްރޭލިއާ ސަރުކާރުން ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭގޮތުން ނެރުނު ބަޔާނަށް ދިވެހި ސަރުކާރުން ރައްދު ދީފިއެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭގޮތުން އޮސްޓްރޭލިއާ ސަރުކާރުން ބަޔާނެއް ނެރުނީ އެގައުމުގެ ސަފީރު ރާއްޖެއަށް ކުރެއްވި ޒިޔާރަތަށް ފަހުއެވެ.
އެ ބަޔާނަށް ރައްދުދީ ރާއްޖޭގެ ފޮރިން މިނިސްޓްރީ އިން މިރޭ ނެރުނު ބަޔާނުގައި ބުނީ ހަމަހަމަ ފުރުސަތުތަކެއް ހުރިހާ ކެންޑިޑޭޓުންނަށް ލިބިދޭ، މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ރާއްޖޭގެ އިލެކްޝަންސް ކޮމިޝަނާއި އިންތިޚާބާ ގުޅޭ މަސައްކަތްތައް ކުރާ އެހެން ފަރާތްތަކުންވެސް ކުރަމުންދާ ކަމަށެވެ.
ހުރިހާ ސިޔާސީ ފަރާތްތަކުންވެސް އެމީހުންގެ ސިޔާސީ ހަރަކާތްތައް ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްވާގޮތުގެ މަތިން ކުރިއަށް ގެންދަން ޖެހޭ ކަމަށާއި، ބައެއް ސިޔާސީ ފަރާތްތަކުން ގާނޫނާއި ގަވައިދުތައް މުގުރައި އަމާންކަން ގެއްލޭގޮތަށް ސިޔާސީ ހަރަކާތްތައް ހިންގަން މަސައްކަތް ކުރާ ކަމަށް ސަރުކާރުގެ ބަޔާނުގައި ބުނެފައި ވެއެވެ.
ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތައް ހިމާޔަތްކޮށް އަމާންކަން ގާއިމް ކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
ރާއްޖެއަށް މަލްޓިޕާޓީ ސިސްޓަމް ތައާރަފު ކުރިފަހުން ބޭއްވި ހުރިހާ އިންތިޚާބަކީވެސް މިނިވަން އަދި އިންސާފުވެރި އިންތިޚާބުތަކެއް ކަމަށާއި، އެ އިންތިޚާބުތަކަކީ ރާއްޖެއާއި ބޭރުގެ ފަރާތްތަކުންވެސް އޮބްޒާވުކޮށް މޮނީޓާ ކޮށްފައިވާ އިންތިޚާބުތަކެއް ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބަކީވެސް ހަމަހަމަ ކަމާއެކު ހުރިހާ ފަރާތްތަކަށް ފުރުސަތު ދީގެން ކުރިއަށޤގެންދާ މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށް ވާނެ ކަމުގެ ޔަގީންކަން ސަރުކާރަށް އެބައޮތް ކަމަށެވެ.
ސަރުކާރުގެ ބަޔާނުގައި ރާއްޖޭގެ ތަރައްގީއަށާޢި އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށް އޮސްޓްރޭލިއާ އިން ދޭ އެހީ ފާހަގަކޮށް ވަނީ ޝުކުރު އަދާކޮށްފައެވެ.