ސަރުކާރު ހިންގާ ޕީޕީއެމްގެ ޝަޚްސު އޮޅުވާލުމުގެ ކުށުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިރޭ ހުކުމް ކޮށްފިއެވެ.

ފާރިސްގެ މައްޗަށް ޝަޚުސު އޮޅުވާލުމުގެ ދައުވާ އުފުލާފައިވަނީ، އޭނާ ޕީޕީއެމުން ވަކިކޮށްފައިވަނިކޮށް މިދިޔަ އަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހު މޫކައި ސުއިޓްސްގައި ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި ޕީޕީއެމްގެ ހުއްދަ ނެތި އެ ޕާޓީގެ ލޯގޯއާއި ދިދަ ބޭނުންކޮށްފައިވާ ކަމަށް ބުނެ އެވެ.

ހުކުމް އިއްވަވަމުން އެއްމައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ ވިދާޅުވީ ޝަޚްސް އޮޅުވައިލުމުގެ ދައުވާ އެއްވެސް ޝައްކެއް ނެތް މިނަވަރަށް ފާރިސްގެ މައްޗަށް ސާބިތުވާކަމަށެވެ. އަދި އެ ކުށުގެ އަދަބެއްގެ ގޮތުން ހަތަރު މަހާއި 24 ދުވަހަށް ފާރިސް ޖަލަށް ލުމަށް ހުކުމް ކުރާ ކަމަށް ގާޒީ ވިދާޅުވިއެވެ.

ދައުލަތުގެ ފަރާތުން ހުށަހެޅި ހެކީންގެ ހެކިބަހުން ޕްރެސް ކޮންފަރެންސްގައި ފާރިސް އިންނެވި ގޮނޑީގެ ފަހަތުގައި ޕީޕީއެމްގެ ލޯގޯ ޖެހި ދިދައެއް ހުރި ކަމަށާއި އެ ޕްރެސްގައި ފާރިސް ތަމްސީލް ކުރަނީ ޕީޕީއެމް ކަމަށް ބުނެފައިވާ ކަމަށް ހުކުމްގައި ވެއެވެ. އަދި ދިފާއުން ހުށަހެޅި ހެކިވެރިއެއް ކަމަށްވާ ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ އަޒްމޫން އަހްމަދު ވެސް ފާރިސް އިންނެވި ގޮނޑީގެ ފަހަތުގައި ޕީޕީއެމްގެ ދިދައެއް އިންކަމަށް ހެކިބަސް ދީފައިވާކަން ހުކުމްގައި ވަނީ ފާހަގަކޮށްފައެވެ.

ޕްރެސް ފައްޓަވަމުން އެމްޑީޕީގެ ޕާލިއަމަންޓް ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު، ވަނީ ޕީޕީއެމްގެ ފަރާތުން ވާހަކަ ދައްކަވާނީ ފާރިސް މައުމޫން ކަމަށް ވިދާޅުވެފައި ކަމަށް ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން ސާބިތުވާކަމަށް ހުކުމުގައި ވެއެވެ.

އެ ޕްރެސްކޮނަފަރެންސް ދެއްވިއިރު ފާރިސް އަކީ ޕީޕީއެމްގެ މެމްބަރު ކަމުން ވަކިކޮށްފައިވާ ބޭފުޅަކަށް ވާއިރު، ވަކިކުރި ދުވަހުން ފެށިގެން ޕާޓީގެ ދިދަ އާއި ލޯގޯ ހުއްދަ ނެތި ފާރިސަށް ބޭނުން ނުކުރެވޭނެ ކަން ގާޒީ ފާހަގަކުރެއްވިއެވެ. ޕީޕީއެމްގެ މުސްތަޝާރާ ހިންގުން ހަވާލުކޮށްފައިވަނިކޮށް، މުސްތަޝާރާ ކައުންސިލްގެ ހުއްދައާ ނުލައި ޕްރެސް ކޮންފަރެންސްގައި ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބަހައްޓައިގެން ބޭނުންކޮށްފައިވާތީ އެކަމަކީ ޝަޚްސު އޮޅުވާލުމުގެ އަމަލެއް ކަމަށް ބެލެވޭ ކަމަށް ގާޒީ ވިދާޅުވިއެވެ.

ދިފާއުން ހުށަހަޅާފައިވާ 47 ހެއްކާއި ކިތާބީ 27 ހެކީގެ ތެރެއިން ހަ ހެކިވެރިއެއްގެ ހެކިބަސް ނެގިފައިވާ ކަމަށާއި ކިތާބީ 27 ހެއްކާ ގުޅޭ ގޮތުން ވާހަކަ ދައްކަން ފުރުސަތުދިން ކަން ގާޒީ ފާހަގަ ކުރެއްވިއެވެ. އަދި ދިފާއުން ހުށަހެޅި ހެކިތަކަކީ މައްސަލައާ ނުގުޅޭ ހެކި ކަމަށްވެސް ގާޒީ ވިދާޅުވި އެވެ.

ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު، އަދަބު ކަނޑައެޅުމުގެ ކުރިން އަދަބާ މެދު ވާހަކަ ދައްކަން ދެ ފަރާތަށް ދިން ފުރުސަތުގައި ޕީޖީގެ ވަކީލާ ސީނިއާ ޕްރޮސެކިއުޓާ އައިޝަތު ރީޝާ ވިދާޅުވީ، އެ މައްސަލައަކީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ އަމަލެއް ކަމަށާއި އެހެން ކަމުން އެކަމަށް ކަނޑައެޅިފައިވާ އަދަބަކީ ހަތަރު މަހާއި 24 ދުވަސް ކަމަށެވެ. އަދި ދަރަޖަ މަތިކޮށް ނުވަތަ ދަށް ކުރަން ޖެހޭ ސަބަބެއްނެތް ކަމަށެވެ.

ފާރިސްގެ ވަކީލުން އެދުނީ އަސާސީ މިންގަނޑަށް ވުރެ އަދަބުގެ ދަރަޖަ ތިން ދަރަޖަ ދަށް ކުރުމަށާއި އަދަބުގެ ބާވަތް ޖޫރިމަނާ ނުވަތަ ގޭ ބަންދުގެ އަދަބަކަށް ބަދަލު ކޮށްދިނުމަށެވެ.

ނަމަވެސް ގާޒީ ނިންމެވީ އަސާސީ މިންގަނޑަށް ވުރެ އަދަބުގެ ދަރަޖަ ދަށް ކުރަން ޖެހޭ ނުވަތަ މަތި ކުރަންޖެހޭ ހާލަތެއް ވެސް ނެތް ކަމަށާއި އަދި އަދަބުގެ ބާވަތް ބަދަލުކޮށްދޭން ޖެހޭ ސަބަބެއް ވެސް ނެތް ކަމަށެވެ.