27 Jun 2018, 19:28
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފޮސްޓަރ ކުރެވޭނެ އުސޫލުތަކާއެކު ކުޑަކުދިންގެ ހައްގުތަކާ ބެހޭ ބިލެއް މަޖިލީހަށް ހުށަހަޅައިފިއެވެ.
"ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލު" ގެ ނަމުގައި މަޖިލީހަށް މި ބިލު ހުށަހަޅުއްވާފައިވަނީ ސަރުކާރުގެ ފަރާތުން ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލު އުސްމާނެވެ.
މި ބިލުގެ ބޭނުމަކީ ކުޑަކުދިންގެ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ އަށް ރިއާޔަތްކޮށް ރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަގުފަހިކޮށްދީ އެ މުއާހަދާގައި ބުނާ ކުޑަކުދިންގެ ހައްގުތައް ކަށަވަރުކޮށްދިނުން ކަމަށް އެ ބިލުގައި ބުނެފައިވެއެވެ. އަދި ކުޑަކުދިންނާ ގުޅިގެން މައިންބަފައިންނާއި އެކުދިން ބަލަހައްޓާ ފަރާތްތަކުގެ ޒިންމާ ބަޔާންކޮށް އެފަރާތްތައް ޒިންމާދާރު ކުރުވައި، ކުޑަކުދިންނާމެދު އެކުދިންގެ މައިންބަފައިން ނުވަތަ ބަލަހައްޓާ ފަރާތްތައް އަދާކުރަންޖެހޭ ޒިންމާތައް އަދާނުކުރުމުގެ ސަބަބުން ކުދިންނަށް ލިބޭ އަނިޔާ ހުއްޓުވުމަކީވެސް އެ ބިލުގެ މަގުސަދެއްކަމަށް ބަޔާންކޮށްފައިވެއެވެ.
ބިލުގެ އިތުރު މަގުސަދުތައް
ގާނޫނުން މަތިކޮށްފައިވާ ޒިންމާ އަދާނުކުރާ ބެލެނިވެރިންނާ މެދު ފިޔަވަޅު އެޅުމަށް މަގުފަހި ކުރުން.
- ކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް ދައުލަތާއި އެހެން ފަރާތްތަކުގެ ޒިންމާ ބަޔާން ކުރުން.
- ގައުމީ ފެންވަރުގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި، ކުޑަކުދިންނަށް އަޅާލައި، ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގައުމީ ނިޒާމެއް ގާއިމްކުރުން.
- ދައުލަތުގެ ބެލުމުގެ ދަށަށް ކުޑަކުދިން ގެންދެވޭ އުސޫލެއް ބަޔާންކޮށް އެ ކުދިންނާމެދު އަމަލުކުރަންޖެހޭ ގޮތް ބަޔާންކުރުން.
- ދައުލަތުގެ ބެލުމުގެ ދަށަށް ގެންދެވޭ ކުދިންނަށް އާއިލާއެއްގެ ލޯތްބާއި އަޅާލުމާއެކު ބޮޑުވުމުގެ ފުރުސަތު ދިނުމަށްޓަކައި އެކުދިން ފޮސްޓަ ކުރެވޭނެ އުސޫލުތައް ބަޔާންކުރުން.
- އެހީތެރިކަމާއި އަޅާލުމަށް ބޭނުންވާ ކުދިންނަށް އެހީތެރިވުމަށް ޚާއްސަ ފިޔަވަޅުތައް ތައާރަފުކުރުން.
މި ބިލުގައިވާގޮތުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމާ ގުޅޭގޮތުންނާއި ކުޑަކުދިންނަށް ލިބެންޖެހޭ އަޅާލުމާއި ރައްކާތެރިކަން ދައުލަތުގެ ފަރާތުން ފޯރުކޮށްދިނުމަށް ކަނޑައަޅަންޖެހޭ ސިޔާސަތުތައް ކަނޑައަޅާނީ އެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މިނިސްޓަރެވެ.
އެ ބިލު ގާނޫނަކަށްވެ އެ ގާނޫނަށް އަމަލު ކުރަން ފަށާތާ ހަ މަސްދުވަހުގެ ތެރޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ކައުންސިލެއް އުފައްދަންވާނެ ކަމަށާއި އެ ކައުންސިލަށް މެންބަރު އައްޔަނު ކުރާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް އެ ބިލުގައި ބަޔާންކޮށްފައި ވެއެވެ. އެ ކައުންސިލް ޖަވާބުދާރީ ވާންޖެހޭނީ މިނިސްޓަރަށް ކަމަށާއި ކައުންސިލުގެ މަސްއޫލިއްޔަތަކީ ކުޑަކުދިންނަށް ކުރިމަތިވާ މައްސަލަތަކާއި އެކުދިންނަށް ރައްކާތެރިކަން ދިނުމަށް ކަނޑައަޅަންޖެހޭ ސިޔާސަތުތައް ކަނޑައެޅުމުގައި މިނިސްޓަރަށް ލަފާދީ، އެކި ސިޔާސަތުތައް ވިލަރެސްކޮށް ސިޔާސަތުތައް ތަންފީޒު ކުރުމުގެ ކަންތައް މޮނީޓާ ކުރުން ކަމަށް ވަނީ ބަޔާން ކޮށްފައެވެ.
އެ ކައުންސިލުގައި ކުޑަކުދިންނާ ބެހޭ ކަންތައް ބަލަހައްޓާ މިނިސްޓްރީ އިން އައްޔަނު ކުރާ ފަރާތަކާއި ޔޫތް މިނިސްޓްރީ، ހެލްތް މިނިސްޓްރީ، އެޑިއުކޭޝަން މިނިސްޓްރީ، އިސްލާމިކް މިނިސްޓްރީ، އެޓާނީ ޖެނެރަލް، ފުލުހުން، އެޗްއާރުސީއެމް އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރާ ޖަމްއިއްޔާ ތަކުގެ ތެރެއިން ޖަމްއިއްޔާ އަކުން އައްޔަނު ކުރާ ފަރާތެއް ހިމެނުމަށް ވަނީ ހުށަހަޅައިފަައެވެ.
ރާއްޖޭގައި މިހާރު އަމަލުކުރަނީ 1991 ވަނަ އަހަރު އެކުލަވާލާފައިވާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނަކަށެވެ.