27 Jun 2018, 18:28
ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާއިރު ދައްކަންޖެހޭ ފީ 5000 ރުފިޔާ އިން 15000 ރުފިޔާ އަށް ބޮޑުކުރަން ހުށަހަޅައިފިއެވެ.
އެ އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ބެހޭ ގާނޫނަށް މި އިސްލާހު ހުށަހަޅާފައިވާއިރު، ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ބަހައްޓަން ޖެހޭ ޑިޕޮސިޓްވެސް 40،000 ރުފިޔާ އިން އެއް ލައްކަ ރުފިޔާ އަށްބޮޑުކުރަން ވެސް ވަނީ ހުށަހަޅައިފައެވެ.
އިންތިޚާބާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރެއިން ބޭރު ގައުމެއްގެ ރައްޔިތަކަށް ވެފައިވާނަމަ އެ މީހަކު ބޭރު ރައްޔިތުކަން ދޫކޮށްލިތާ މަދުވެގެން ދިހަ އަހަރު ފަހުން ނޫނީ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް އިންތިޚާބާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހާއި، ބޭރު ގައުމުތަކުގެ ހިމާޔާތް ހޯއްދަވައިގެން އުޅުއްވާ ބޭފުޅުންނަށް ރިޔާސީ އިންތިޚާބުގައި ބައިވެރިނުވެވޭ ގޮތަށް އެ ގާނޫނަށް ބަދަލު ގެނައުމަށް ހުށަހެޅި އިސްލާހު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއިން އިއްޔެ ވަނީ ފާސްކޮށްފައެވެ.
އަދި ވޯޓު ކަރުދާހުގައި ކުރަހައިފި ނަމަ ނުވަތަ ލިޔެފި ނަމަ އެ ވޯޓު ބާތިލުވާގޮތަށް ހުށަހެޅި އިސްލާހު ކޮމެޓީ އިން ފާސްކޮށްފައިވަނީ އިސްލާހަކާ އެކުއެވެ. އެގޮތުން އެ ހާލަތުގައި ވޯޓު ބާތިލުވާނީ ވޯޓުލާފައިވަނީ ކާކަށްކަން ނޭނގޭ ހާލަތުގައި ކަމަށް އިސްލާހުގައި ވަނީ ބުނެފައެވެ.