އެމްޑީޕީއަކީ އެއްވެސް ޕާޓީއަކަށް ދޫދޭނެ ޕާޓީއެއް ނޫން ކަމަށާއި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެއްވެސް ޝަރުތަކާ ނުލައި ރައީސް އަބްދުﷲ ޔާމީނާ ގުޅިވަޑައިގަތުމަށް ޕީޕީއެމްގެ ސެކެރެޓަރީ ޖެނެރަލް ޑރ. އަބްދުﷲ ހަލީލް ގޮވާލައްވައިފި އެވެ.

ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން އެމްޑީޕީގެ ވިސްނުން ހުރީ ކޯލީޝަނާ ވަކިން ވާދަކުރުމަށް ކަމަށް ހާމަކުރައްވަމުން ޑރ. ހަލީލް ވިދާޅުވީ އަނެއްކާ ވެސް އެމްޑީޕީން ގާސިމަށް ބޭވަފާތެރިވެފައިވާ ކަމަށާއި ގާސިމް ކިތަންމެ މަސައްކަތް ކުރެއްވިޔަސް އެމްޑީޕީއަކީ އެހެން ޕާޓީއަކަށް ދޫ ދޭނެ ޕާޓީއެއް ނޫން ކަމަށެވެ.

ހަލީލް ކުރެއްވި ޓްވީޓްގައި އޭނާ ވިދާޅުވީ ގައުމަށް ވަފާތެރީ ރައީސް ޔާމީން ކަމަށާއި އެމަނިކުފާނާ އެއްވެސް ޝަރުތެއް ނެތި ގުޅިވަޑައިގެންނެވުމަށް އެދޭ ކަމަށެވެ.

ޑރ. ހަލީލް މިހެން ވިދާޅުވި އިރު ޖޭޕީ އާއި އެމްޑީޕީ ކޯލިޝަންގައި ވަނީ މައްސަލަތަކެއް އުފެދި ރިޔާސީ އިންތިހާބުގައި ވަކިން ވާދަ ކުރާ ކަހަލަ ވާހަކަތަކެއް ދައްކަން ފަށައިފަ އެވެ. އަދި ޖޭޕީގެ ލީޑަރު ގާސިމް ވަނީ ދާދި ފަހުން އެމްޑީޕީ ނުހިމެނޭ ގޮތަށް ހިޔަނި ކެބިނެޓެއް ވެސް އެކުލަވާލައްވައި އެކަން އިއުލާންކޮށްފަ އެވެ.

އެމްޑީޕީން ދަނީ އެ ޕާޓީގެ ޕްރައިމަރީ ބޭއްވުމަށް ފަހު އިންތިހާބުގައި އެ ޕާޓީ ތަމްސީލު ކުރާ ކެނޑިޑޭޓަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ކަނޑައަޅައި މުޅިން ވަކިން ކެމްޕެއިން ކުރަމުންނެވެ.

ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ.