ވޮޝިންޓަން (ޖޫން 27): ގަވާއިދާ ހިލާފަށް އެމެރިކާއަށް ދިޔުމުން އާއިލާއާ ވަކިކުރި ކުޑަކުދިން، އެކުދިންގެ އާއިލާތަކާ ކުރިއަށް އޮތް 30 ދުވަހުގެ ތެރޭ ހަވާލު ކުރަން އެމެރިކާގެ ކޯޓަކުން އަމުރުކޮށްފި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ "ޒީރޯ ޓޮލެރެންސް" ސިޔާސަތުގެ ދަށުން އެގައުމުން ވަނީ މިދިޔަ މަހުން ފެށިގެން 2،300އަށް ވުރެ ގިނަ ކުޑަކުދިން އާއިލާތަކާ ވަކިކޮށްފައި އެވެ. އެކުދިން ވަކި ކުރަނީ އާއިލާގެ ދެން ތިބި މީހުން ހައްޔަރު ކުރުމަށް ފަހުގައި އެވެ.

ކެލިފޯނިއާގެ ފަނޑިޔާރު ޑޭނާ ސަބްރޯ އިއްޔެ ނެރުއްވި އަމުރުގައި ވަނީ އާއިލާތަކާ ވަކިކޮށްފައިވާ ފަސް އަހަރުން ދަށުގެ ކުދިން ކުރިއަށް އޮތް 14 ދުވަސް ތެރޭ އެކުދިންގެ އާއިލާތަކާ ހަވާލު ކުރުމަށެވެ. އަދި އެހެން ކުދިން ކުރިއަށް އޮތް 30 ދުވަސްތެރޭ އާއިލާތަކާ ހަވާލުކުރުމަށެވެ.

އެއީ އެމެރިކާއަށް ދިޔަ ކޮންގޯގެ މަންމައަކާއި އޭނާގެ ހަ އަހަރުގެ ދަރިފުޅު ވަކި ކުރުމާ ގުޅިގެން، އެމެރިކަން ސިވިލް ލިބަޓީސް ޔޫނިއަން އިން ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

ޒީރޯ ޓޮލެރެންސް ސިޔާސަތަށް ގިނަ ބަޔެއްގެ ފާޑު ކިޔުން އަމާޒުވުމާ ގުޅިގެން މިދިޔަ ހަފްތާގައި ރައީސް ޓްރަމްޕް ވަނީ ކުޑަކުދިން އެކުދިންގެ އާއިލާތަކާ ވަކިކުރުން މަނާ ކުރާ އަމުރެއް ނެރުއްވާފައި އެވެ.

އެސިޔާސަތާ ދެކޮޅަށް އެމެރިކާގެ 17 ސްޓޭޓަކުން މިހާރު ވަނީ ކޯޓަށް މައްސަލަ ހުށަހަޅާފައި އެވެ. އޭގެ ތެރޭގައި ވޮޝިންޓަނާއި ނިއު ޔޯކާއި ކެލިފޯނިއާ ހިމެނެ އެވެ. (ބީބީސީ)