27 Jun 2018, 15:49
ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ކުރިމަތިލުމުގެ ފުރުސަތު ޖުލައި 15 ވަނަ ދުވަހު ހުޅުވާލާނެ ކަމަށް މީގެ ކުރިން ބުނި ނަމަވެސް، އެ ތާރީޚު ފަސްވެދާނެ ކަމުގެ އިޝާރާތެއް އިލެކްޝަންސް ކޮމިޝަނުން ކޮށްފިއެވެ.
މިއަދު އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ އެކި ސަބަބުތަކާ ހުރެ، އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވަލާ ތާރީޚު ފަސްކުރުމަށް ވިސްނާފައިވާ ކަމަށެވެ.
ފަސް ކުރާނެ ވަކި ތާރީޚެއް ކަނޑައާޅާފައި ނުވި ނަމަވެސް، ލަސްވެގެން ޖުލައި 22 ނުވަތަ 23 ވަނަ ދުވަހަށް ފަސް ކޮށްފާނެކަމަށް ޝަރީފް ވިދާޅުވިއެވެ.
"އިންތިޚާބަށް ހުޅުވާލުން ޖުލައި 15 އަށް އޮތް ކަމުގައި ވިޔަސް ފަހަރެއްގައި ލަސްވެގެން ގޮސް 22، 23 އަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް. އަދި އަޅުގަނޑުމެން ގޮތެއް ނުނިންމަން،" ކޮމިޝަނުގެ ރައީސް ވިދާޅުވިއެވެ.
ނަމަވެސް އިންތިޚާބު ބާއްވަން ކަނޑައަޅާފައި އޮތް ތާރީޚުގައި އިންތިޚާބު އޮންނާނެކަމުގެ ޔަގީންކަން ޝަރީފް ދެއްވިއެވެ. އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ރިޔާސީ އިންތިޚާބު ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށެވެ.
ޝަރީފް ވިދާޅުވީ އިންތިޚާބު ބާއްވާ ތާރީޚަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.
އިންތިޚާބު ގާތްވެފައިވާ އިރު ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަމަށް މިހާތަނަށް އިއުލާނުކުރައްވާފައިވަނީ ޕީޕީއެމްގެ ފަރާތުން ދެވަނަ ދައުރަކަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، އަމިއްލަ ގޮތުން ވާދަކުރައްވާނެކަމަށް އިއުލާނުކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އެލްޖީއޭގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސައިނެވެ.
މީގެ އިތުރުން އެމްޑީޕީގެ ރިޔާސީ ޓިކެޓު، ޕްރައިމަރީއެއް މެދުވެރިކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހޯއްދަވާފައި ވީ ނަމަވެސް، އެމަނިކުފާނަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާތީ، އެމަނިކުފާނުގެ ކިބައިގައި އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުތު ފުރިހަމައެއް ނުވެއެވެ.