މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ލަފާކުރެވޭ ގޮތުގައި 477 ވޯޓުފޮށި ބެހެއްޓޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ރިޔާސީ އިންތިޚާބުގެ ތައްޔާރީތަކާ ބެހޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ، 477 ފޮށި ބެހެއްޓޭނެކަމަށް މިވަގުތު ލަފާކުރެވުނަސް، މި އަދަދު ބަދަލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"މި އަދަދު މުޅިން ފައިނަލައިޒް ކުރެވޭނީ ރީރެޖިސްޓްރޭޝަނަށް ފަހު،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ މިވަގުތަށް ކަނޑައެޅިފައިވާ ގޮތުން 477 ފޮށީގެ ތެރެއިން މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ރައްޔިތުން ވޯޓުލުމަށް 54 ފޮއްޓެއް ޚާއްސަކުރެވޭނެ ކަމަށެވެ. އަދި މާލޭގައި ދިރިއުޅޭ އަތޮޅުތެރޭގެ ރައްޔިތުން ވޯޓުލުމަށް 74 ވޯޓުފޮށި ބެހެއްޓޭނެ ކަމަށެވެ.

އަތޮޅު ތެރޭގެ ރައްޔިތުން ވޯޓުލުމަށް ރަށްރަށުގައި 302 ވޯޓުފޮށި ބަހައްޓާ އިރު، ރިސޯޓުތަކުގައި 24 ފޮށި، ސިނާއީ ސަރަހައްދުތަކުގައި ހަތް ފޮށި، ޖަލުތަކުގައި ހަތަރު ފޮށި އަދި ރާއްޖެއިން ބޭރުގައި 12 ފޮށި ބެހެއްޓޭނެކަމަށް ލަފާކުރެވޭ ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ ރާއްޖޭގައި ވޯޓުފޮށި ބަހައްޓާނެ ސަރަހައްދުތައް ކަނޑައެޅުމަށް ކުރަންޖެހޭ ސާވޭތައް ނިމިފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ ރާއްޖެއިން ބޭރުގެ ގައުމުތަކުގައި ވޯޓުފޮށި ބަހައްޓާނެ ތަންތަން ކަނޑައަޅާ ސާވޭ ކުރުމުގެ މަސައްކަތް ކަމަށެވެ.

ކޮންމެ ފޮއްޓަކަށް ވޯޓު ލާ ރައްޔިތުން ހިމެނޭ ސަރަހައްދުތައް ރީތިކޮށް ފެންނާނެ ފަދައިން ފާހަގަކޮށް، ވޯޓުލާ މަރުކަޒުގައި ޗާޓު ބެހެއްޓޭނެ ކަމަށާއި އެ މައުލޫމާތުތައް ހިމެނޭ ބުކްލެޓްތަކެއްވެސް ތައްޔާރުކުރެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވިއެވެ.

"އެ ބަލާލީމާ އެނގޭނެ މިސާލަކަށް މާފަންނުގެ މިވެނި ބްލޮކުތަކެއްގެ ރައްޔިތުންކަން މިވެނި ވޯޓަކަށް ލާނީ. ބަލާލަން ފަސޭހަ ގޮތަކަށް ބުކްލެޓްތައް ތައްޔާރުކުރާނީ. މިތަކެތި ކެންޑިޑޭޓުންގެ މަންދޫބުންނާއި ސިޔާސީ ޕާޓީތަކަށް ފޯރުކޮށްދޭނަން،" ޝަރީފް ވިދާޅުވިއެވެ.