27 Jun 2018, 14:32
އާޖެންޓީނާއިން ރޭ ނައިޖީރިއާއާ ދެކޮޅަށް ކުޅުނު ވޯލްޑް ކަޕް ގްރޫޕް ސްޓޭޖު ފަހު މެޗުގައި އެންމެ ގިނަބައެއްގެ ލޯތަށް އަމާޒުވީ އެޓީމުގެ ލެޖެންޑު ޑިއޭގޯ މަރަޑޯނާއަށެވެ.
އާޖެންޓީނާގެ އެއް ނަންބަރު ސަޕޯޓަރެއްގެ ގޮތުގައި ރޭގެ މެޗުގައި ފާހަގަކޮށްލެވުނު މަރަޑޯނާގެ ފަރާތުން މެޗަށްފަހު ބައެއް ކަހަލަ ބޭއަދަބީ މަންޒަރުތަކެއްވެސް ފެނިގެން ދިޔަ އިރު، މެޗު ނިމުމުން ޑޮކްޓަރުންގެ ޓީމަކުން އޭނާއަށް ފަރުވާދިން ތަން ފެނިފައިވެއެވެ.
އެކަމާ ގުޅިގެން ބައެއް މީޑިއާތަކުން ބުނެފައި ވަނީ މަރަޑޯނާގެ ހާލު ސީރިއަސްވެ ހޮސްޕިޓަލަށް ގެންދިއަ ކަމަށެވެ. އެހެން ނަމަވެސް އޭގެ ފަހުން މަރަޑޯނާ ކުރި އިންސްޓަގްރާމް ޕޯސްޓެއްގައި އޭނާ ބުނީ އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
"އަހަރެންގެ ހާލު ރަނގަޅު. މެޗުގެ ތެރެއިން ބައެއް އުނދަގޫތައް ވީމަ ޑޮކްޓަރަކު ބެލި. ބަލާފަ ބުނި ދެވަނަ ހާފް ދޫކޮށް ދާށޭ. އެކަމަކު ކިހިނެތް ދާނީ. މުޅި އާޖެންޓީނާގެ ހުރިހާ އެންމެން ރޭގެ މެޗުގައި ރިސްކް ނެގީ ގައުމަށްޓަކައި. އަހަންނަކަށް ނުދެވޭނެ އާޖެންޓީނާ އެ ހާލުގައި އޮތްވާ،" މަރަޑޯނާ ބުންޏެވެ.
ރޭގެ މެޗުން 2-1ގެ ނަތީޖާއަކުން މޮޅުވި އިރު، ލިއޮނަލް މެސީގެ ފުރަތަމަ ގޯލާއެކުވެސް މަރަޑޯނާ ވަރަށް ބޮޑަށް އުފާފާޅުކުރިއެވެ. އަދި ނައިޖީރިއާއިން ނަތީޖާ ހަމަހަމަ ކުރުމުން މަރަޑޯނާ ފެނުނީ ރޮވިފައި އިންދައެވެ. އެހެން ނަމަވެސް ފަހު ވަގުތު މާކޮސް ރޯހޯ ގޯލް ޖެހުމުން މަރަޑޯނާ ވަނީ "ހަމައެއް ލަމައެއް" ނެތި އުފާފާޅުކޮށްފައެވެ.
އުމުރުން 57 އަހަރުގެ ޑިއޭގޯ މަރަޑޯނާ ވަނީ 1986 ވަނަ އަހަރު އާޖެންޓީނާއާއެކު ވޯލްޑް ކަޕްގެ ތަށި އުފުލާލައިފައެވެ.