Back
Nov 24, 2025 SUN
SUN

ކުރިއަށް އޮތް ތިން އަހަރަށް ދިވެހި ޕްރިމިއާ ލީގުގެ ޓައިޓަލް ސްޕޮންސަރަކަށް ދިރާގު

ކުރިއަށް އޮތް ތިން އަހަރަށް ދިވެހި ޕްރިމިއާ ލީގުގެ ޓައިޓަލް ސްޕޮންސަރަކަށް ދިރާގު
Lead photo

ކުރިއަށް އޮތް ތިން އަހަރަށް ދިވެހި ޕްރިމިއާ ލީގުގެ ޓައިޓަލް ސްޕޮންސަރެއްގެ ގޮތުގައި ދިރާގު ހަމަޖައްސައި، އެކަން އިއުލާން ކޮށްފިއެވެ.

މިއަދު އެފްއޭއެމްގައި ބޭއްވި ހާއްސަ ހަފްލާއެއްގައި އެކަން އިއުލާން ކޮށްފައިވާ އިރު، އެ ރަސްމިއްޔާތުގައި ދިރާގު އަދި އެފްއޭއެމްގެ އިސް ބޭފުޅުން ވަނީ ބައިވެރިވެފައެވެ. އެގޮތުން ދިރާގުގެ ފަރާތުން ބައިވެރިވެވަޑައިގަތީ ޑިރެކްޓަރ އޮފް ބިޒްނަސް މެނޭޖުމަންޓް އަހުމަދު މައުމޫނާއި ސީނިއާ މެނޭޖާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަނެވެ.

އެފްއޭއެމްގެ ފަރާތުން ބައިވެރިވެވަޑައިގަތީ ރައީސް ބައްދާމް އަދީލް ޖަލީލާއި ޖެނެރަލް ސެކްރަޓަރީ ހުސައިން ޖަވާޒެވެ.

ކުރިއަށް އޮތް ތިން އަހަރަށް ދިވެހި ޕްރިމިއާ ލީގުގެ ޓައިޓަލް ސްޕޮންސަރެއްގެ ގޮތުގައި ދިރާގު ހަމަޖެއްސުމާ ގުޅިގެން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ވިދާޅުވީ ދިރާގަކީ އަބަދުވެސް ފުޓުބޯޅައާއި ވަރަށް ގާތުން މަސައްކަތް ކޮށްދެއްވާ ފަރާތެއް ކަމަށާއި، ޕްރިމިއާ ލީގުގެ ސްޕޮންސަރަކަށް ދިރާގު ހަމަޖެހިގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ކުރިއަށް އޮތް ތިން އަހަރަށް ދިވެހި ޕްރިމިއާ ލީގުގެ ޓައިޓަލް ސްޕޮންސަރެއްގެ ގޮތުގައި ދިރާގު ހަމަޖައްސާ އެކަން އިއުލާން ކުރުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިއަދުގެ ހަފްލާގައި ވާހަކަ ދައްކަވަމުން ދިރާގުގެ ޑިރެކްޓާ އޮފް ބިޒްނަސް މެނޭޖުމަންޓް އަހުމަދު މައުމޫން ވިދާޅުވީ ފުޓުބޯޅައަކީ ދިވެހިންގެ އެންމެ ފޯރިގަދަ ކުޅިވަރު ކަމަށާއި، ދިވެހި ޕްރިމިއާ ލީގަކީ ފޯރި ގަދަވަމުންދާ މުބާރާތެއް ކަމަށެވެ. ހާއްސަކޮށް އަތޮޅުތެރޭގެ ޓީމަކުން މުބާރާތަށް އައުމާއެކު އެ ފޯރި އިތުރުވަމުންދާ ކަމަށާއި ދިރާގުގެ އުންމީދަކީ އަބަދުވެސް ދިވެހި ފުޓުބޯޅަ އާއިލާއާ އެކުގައި މަސައްކަތްކުރުން ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.

މިދިޔަ ދެ އަހަރުވެސް ދިވެހި ޕްރިމިއާ ލީގުގެ ޓައިޓަލް ސްޕޮންސަރަކީ އުރީދޫއެވެ. އެ ކުންފުންޏާއެކު އެފްއޭއެމްއިން ހަދާފައިވާ ސްޕޮންސާޝިޕްގެ މުއްދަތު ވަނީ ހަމަވެފައެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގު ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާއެވެ.

މިއަހަރުގެ ޕްރިމިއާލީގުގައި ވާދަކުރާނީ މާލޭ ލީގުގެ ގަދަ ހަ ޓީމު އަދި މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމެވެ. މި އަހަރުގެ ޕްރިމިއާ ލީގު ކުޅޭނީ ދެ ބުރަކަށެވެ. ފުރަތަމަ ބުރުގައި 10 ޓީމު ވާދަކުރި ނަމަވެސް ދެވަނަ ބުރަށް ދާނީ އެންމެ މޮޅު އަށް ޓީމެވެ. އަނެއް ދެ ޓީމު ކަޓާނެއެވެ.

އެފްއޭއެމްގެ ސްޓްރަކްޗަރަށް ގެނައި ބަދަލާއެކު ދިވެހި ޕްރިމިއާ ލީގުގައި އަތޮޅުތެރޭގެ ޓީމުތައް ހިމަނައިގެން ކުޅޭ ގޮތަށް އިއުލާން ކުރީ މިދިޔަ އަހަރުގައެވެ. މިދިޔަ އަހަރުގެ ޕްރިމިއާ ލީގުގައި މިނިވަން ޗެމްޕިއަންޝިޕްގެ ހަތަރު ޓީމާއި މާލޭ ލީގުގެ ހަތަރު ޓީމާއެކު ޖުމްލަ އަށް ޓީމު ވަނީ ވާދަކޮށްފައެވެ.

މިދިޔަ އަހަރު އަށް ޓީމު ވާދަކުރި ނަމަވެސް މިއަހަރުގެ ޕްރިމިއާ ލީގުގައި ދިހަ ޓީމު ވާދަކޮށް، މާލޭ ލީގުގެ ގަދަ ހައެއް ޕްރިމިއާ ލީގަށް ދާ ގޮތަށް ސިސްޓަމަށް ބަދަލު ގެނައީ މިދިޔަ އަހަރު ޑިސެންބަރު ފަހުކޮޅުގައެވެ.

މިއަހަރުގެ ޕްރިމިއާ ލީގުގެ ކުޅުން މާދަމާ ފަށާނީ މާލޭ ލީގުގެ ޗެމްޕިއަން ނިއު ރޭޑިއަންޓާއި މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ތ. ތިމަރަފުށި ވާދަކުރާ މެޗުންނެވެ.

ފުރަތަމަ ހަފްތާގެ މެޗުތައް މާދަމާ އަނެއް ދުވަހާއި އޭގެ އަނެއް ދުވަހުވެސް އޮންނާނެއެވެ. މިދިޔަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން ޓީމަކީ ނިއު ރޭޑިއަންޓެވެ.

ފުރަތަމަ ހަފްތާގެ މެޗުތައް:

28 - ޖޫން 21:00 / ނިއު ރޭޑިއަންޓް - ތ. ތިމަރަފުށި

29 - ޖޫން 16:00 / ކްލަބު އީގަލްސް - މާޒިޔާ

29 - ޖޫން 21:00 / ޓީސީ ސްޕޯޓްސް ކްލަބު - ފ. ނިލަންދޫ

30 - ޖޫން 16:00 / ކްލަބު ގްރީން ސްޓްރީޓްސް - ށ. ފޯކައިދޫ

30 - ޖޫން 21:00 / ވިކްޓަރީ ސްޕޯޓްސް ކްލަބު - ބ. ފެހެންދޫ

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics