27 Jun 2018, 12:09
ކުއަލަލަމްޕޫރު (ޖޫން 27): މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގާ ގުޅުން ހުރި އެޕާޓްމެންޓުތަކުން ހޯދި ގަހަނާ އާއި އަތްދަބަހާއި ގަޑިތަކުގެ އަގު 275 މިލިއަން ޑޮލަރަށް އަރާ ކަމަށް އެގައުމުގެ ފުލުހުން ބުނެފި އެވެ.
މިދިޔަ މަހު ނަޖީބާ ގުޅުން ހުރި ހަ އެޕާޓްމެންޓެއް ފުލުހުން ފާސް ކުރީ އެގައުމުގެ އިންވެސްޓްމެންޓް ފަންޑު، ވަންއެމްޑީބީން އެތައް ބިލިއަން ޑޮލަރު ގެއްލުނު މައްސަލައާ ގުޅިގެންނެވެ.
މެލޭޝިއާގެ ބޮޑުވަޒީރު ކަމަށް މިދިޔަ މަހު މަހާތިރު މުހައްމަދު ވަޑައިގެންނެވި ފަހުން އޭނާ ވަނީ ވަންއެމްޑީބީގެ މައްސަލަ އަލުން ތަހުގީގު ކުރެވޭ މިންވަރަށް ހެކި ހުރި ކަމަށް ވިދާޅުވެފަ އެވެ. އަދި ނަޖީބު ގައުމުން ބޭރަށް ފުރާވަޑައިގަތުން މަނާކޮށް، އެގައުމުގެ އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ އޭނާއާ ދެ ފަހަރަކު ސުވާލުކޮށްފަ އެވެ.
ޕޮލިސް ކޮމާޝަލް ކްރައިމް ޑިވިޝަންގެ ވެރިޔާ އަމަރު ސިންހު ވިދާޅުވި ގޮތުގައި ނަޖީބާ ގުޅުން ހުރި އެޕާޓްމެންޓުތަކުން ހޯދި ތަކެތީގެ އަގު 224 މިލިއަން ޑޮލަރާއި 273 މިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް އަރާނެ އެވެ.
އޭގެ ތެރޭގައި އެއެޕާޓްމެންޓުތަކުން ހޯދި 27.6 މިލިއަން ޑޮލަރުގެ ފައިސާ ވެސް ހިމެނެ އެވެ. އެފައިސާ ގުނުމަށް މެލޭޝިއާގެ ސެންޓްރަލް ބޭންކުގެ 22 އޮފިޝަލުން ތިން ދުވަސް ހޭދަ ކުރި އެވެ.
ސިންހު ވިދާޅުވި ގޮތުގައި އެއެޕާޓްމެންޓުތަކުން އެންމެ ގިނައިން ހޯދާފައި ވަނީ ގަހަނާ އެވެ. އެގޮތުން ފެނުނު 12،000 ތަނޑިއާއި ހާރު ފަދަ ތަކެތީގެ އަގު 164 މިލިއަން ޑޮލަރާއި 218 މިލިއަން ޑޮލަރުގެ އަދަދަކަށް އަރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެގަހަނާގެ ތެރެއިން އެންމެ އަގު ބޮޑު އެއްޗަކީ އަލިމަހެއް ޖަހާފައިވާ 1.6 މިލިއަން ޑޮލަރުގެ އަގު ހުރި ހާރެއް ކަމަށް ސިންހު ވިދާޅުވި އެވެ.
މީގެ އިތުރުން 37 ބްރޭންޑުގެ 567 އަތްދަބަހާއި 423 ގަޑި އާއި 234 އަވި އައިނު ވެސް މެލޭޝިއާގެ ފުލުހުން ހޯދާފައިވެ އެވެ.
އެތަކެއްޗާ ގުޅިގެން ނަޖީބާއި އަނބިކަނބަލުން ރޮސްމާ މަންސޫރާ ވަރަށް އަވަހަށް ސުވާލު ކުރާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން ތުހުމަތުކުރާ ގޮތުގައި 1އެމްޑީބީ ފަންޑުން ވަނީ 4.5 ބިލިއަން ޑޮލަރު ޑައިވާޓުކޮށް، ލޯންޑާކޮށްފަ އެވެ. އަދި އެފަންޑުން ވަނީ 700 މިލިއަން ޑޮލަރާ ގާތް ކުރާ ވަރަށް ފައިސާ ނަޖީބުގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައި ކަމަށް ވޯލް ސްޓްރީޓް ޖާނަލް އިން 2015 ވަނަ އަހަރު ތުހުމަތުކުރި އެވެ.
ނަމަވެސް މެލޭޝިއާގެ ކޯޓަކުން ވަނީ އެ 700 މިލިއަން ޑޮލަރަކީ ސައުދީ ޝާހީ އާއިލާ އިން ނަޖީބަށް އެރުވި ހަދިޔާއެއް ކަމަށް ނިންމާފައި އެވެ. (ރޮއިޓާސް)