މިހާރު ކުރިއަށްދާ ރިޔާސީ ދައުރު ހަމަވާ ތާރީޚާ މެދު ގޮތެއް ކަނޑައެޅުމަށްޓަކައި ގާނޫނީ ލަފައަކަށް އެދިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ މިހާރު ކުރިއަށްދާ ރިޔާސީ ދައުރު ހަމަވާ ތާރީޚާ މެދު ޚިޔާލު ތަފާތުވުން އުފެދިފައިވާ ކަމަށެވެ.

މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް 2013 ވަނަ އަހަރު ރާއްޖޭގެ ރިޔާސަތާ ހަވާލުވެވަޑައިގަތީ ނޮވެމްބަރު 17 ވަނަ ދުވަހުއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ ޚިޔާލު ތަފާތުވުން އުފެދުނީ މިދިޔަ ރިޔާސީ ދައުރު ގުނަން ފަށާނީ ނޮވެމްބަރު 11 އިން ތޯ ނުވަތަ ނޮވެމްބަރު 17 އިން ތޯ ކަމާ މެދު ކަމަށެވެ.

"އަޅުގަނޑުމެން މި ތާރީޚު ކަނޑައަޅާފައި މިއޮތީ ގާނޫނީ ގޮތުން އިންނަ 120 ދުވަސް، ނޮވެމްބަރު 11 އަށް ނިމޭ ގޮތަށް. ނަމަވެސް މި ޚިޔާލު ތަފާތުވުމާއެކު އަޅުގަނޑުމެން ވާނީ ގާނޫނީ ލަފައެއް ހޯދުމަށް [އެދިފައި]،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ ރިޔާސީ ދައުރު ހަމަވާ ތާރީޚަކީ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ތާރީޚެއް ނޫން ކަމަށެވެ.

ޝަރީފް ވިދާޅުވީ މިކަމާ ގުޅޭ ގާނޫނީ ލަފައަށް އެދިފައި ވާ އިރު، ލަފާ ލިބުނުހާ އަވަހަކަށް ކޮމިޝަނުން ގޮތެއް ނިންމައި، އެކަން ހިއްސާކުރާނެ ކަމަށެވެ.