29 Jun 2018, 15:51
ށ. ފުނަދުއަށް އުފަން އިބްރާހީމް ރަޝީދު މީގެ ކުރިން ދިރިއުޅެމުން ގެންދިޔައީ ވަރަށް އުފަލުންނެވެ. އޭނާގެ އަނބިދަރިންނާއެކު ހިތްހަމަޖެހުމާއެކު ދުވަސްތައް ގުނި ނަމަވެސް އޭނާގެ ދިރިއުޅުމަށް ކޮޅިގަނޑެއް އަތުވެ ދިރިއުޅުން އެފުށް މިފުށަށް ޖެހުނީ މީގެ ނުވަ މަހެއްހާ ދުވަސްކުރިންނެވެ.
"ވަރަށް ދުވަސްވެއްޖެ ބަލިވެ އުޅޭތާ. އެ ދުވަސްކޮޅު އަބަދުހެން ޑަކްޓަރަށް ދެއްކި. ނަމަވެސް ވާ ގޮތެއް ނޭނގޭ. ޑަކްޓަރުން ބުނަނީ އެއް ޖަވާބެއް. ބޭސް ދެނީ ކޮންމެ ފަހަރަކުވެސް. ރަނގަޅެއް ނުވޭ،" އިބްރާހިމް ރަޝީދުގެ ބަލި ހާލަތާ ގުޅޭ ގޮތުން "ސަން ކުލުނު"އަށް މައުލޫމާތު ދެމުން އޭނާގެ އަންހެނުން މަރިޔަމް ސަލީމާ ބުންޏެވެ.
ސަލީމާ ބުނީ ގަވައިދުން އިބްރާހިމް ބޭސް ކެއި ނަމަވެސް ކުރިއެރުމެއް ނުލިބޭ ކަމަށެވެ. ފަހަކަށް އައިސް ކެއުން ބުއިމަށް ދަތިވެ އެއްވެސް އެއްޗެއް ނުކެވި ނުދިރޭ ހިސާބަށް ކަންތައް ދިޔުމުން އަނެއްކާވެސް ރަށު ހޮސްޕިޓަލަށް ދެއްކި ކަމަށް ސަލީމާ ބުންޏެވެ.
"އެ ފަހަރު ދެއްކީމަ އެމަޖެންސީކޮށް އިބްރާހިމް މާލެ ފޮނުވާލީ،"
ސަލީމާ ބުނީ މާލެ އައިސް ދެއްކުމުން އިބްރާހިމްގެ ވައި ނޮޅީގައި ޓިއުމަރެއް އުފެދި އެ ޓިއުމަރު ކެންސަރަށް ބަދަލުވެފައިވާ ކަމަށް ޑަކްޓަރުން ބުނި ކަމަށެވެ.
އެ ޚަބަރު ޑަކްޓަރުން ދިނުމުން ސަލީމާއަށާއި އިބްރާހިމްއަށްވެސް ލިބުނީ ކުއްލި ހައިރާން ކަމެކެވެ.
"ޑަކްޓަރުން ފުރަތަމަ އެހެން ބުނީމަ ގަބޫލު ކުރަންވެސް ދަތިވި. ނޭނގެ އެވަގުތުކޮޅު ވީ ގޮތެއް ވެސް،" 18 އަހަރުން ދަށުގެ ތިން ކުދިން ބަލަމުން އަންނަ ސަލީމާ "ސަން ކުލުނު"އަށް ބުންޏެވެ.
ސަލީމާ ބުނީ އިތުރު ފަރުވާ ކުރުމަށް ފިރިމީހާ މި ވަގުތު ހުރީ އިންޑިއާގައި ކަމަށެވެ. ޑަކްޓަރުން ލަފާ ދެނީ އިބްރާހިމްއަށް ރޭޑިއޭޝަން ތެރަޕީ ދިނުމަށް ކަމަށާއި އެގޮތުން އޭނާއަށް މިހާރު ރޭޑިއޭޝަން ދޭން ފަށާފައިވާ ކަމަށްވެސް އޭނާގެ އަންހެނުން ބުންޏެވެ.
އިބްރާހިމް ރަނގަޅުވާނެކަމުގެ އުންމީދު ޑަކްޓަރުން ދީފައިވާ ކަމަށާއި ގަވައިދުން ރޭޑިއޭޝަން ދޭން ޖެހޭ ކަމަށް އޭނާ ބުންޏެވެ.
"ފިރިމީހާ މިހާރު ވަރަށް ބަލި. ގަޔަކު އެއްވެސް ވަރެއް ނުހުރޭ. އެއްޗެއް ނުދިރޭ. ކާން ދެނީވެސް ހޮޅި ލައްވައިގެން. ނޭވާ ލަނީ ވެސް ކަރުން ހޮޅިއެއް ލައްވައިގެން،" ސަލީމާ ބުންޏެވެ.
ދެ ހަފްތާއިން އެއްފަހަރު ރޭޑިއޭޝަން ދިނުމަށް ޑަކްޓަރުން ލަފާ ދެއްވަފައި ވީ ނަމަވެސް ރޭޑިއޭޝަން ދިނުމަށް ގިނަ ޚަރަދުތަކެއް ހިނގާތީ އެކަމަށް ސަލީމާގެ އާއިލާ ނުކުޅެދެއެވެ.
"އެކަމަކީ ވަރަށް ދިގުލައިގެން ދާނެ ކަމެއް،"
އިންޑިއާގައި ހޭދަވާނެ ދުވަސްތަކަކީ ގިނަ ހަރަދުތަކެއް ހިނގާނެ ދުވަސްތަކެކެވެ. ރޭޑިއޭޝަން ދިނުމުގެ އިތުރުން އެހެނިހެން ފަރުވާއާއި އެހެނިހެން ހަރަދުތައް ކުރަންޖެހޭނެއެވެ.
އިބްރާހީމަށް އިތުރު ފަރުވާ ކުރެވޭނެ މަގު ތަނަވަސްވެގެން ދާނީ ސަލީމާގެ އަތްމަތި ތަނަވަސްވުމުންނެވެ.
ސަލީމާ އެދެނީ އޭނާގެ ލޯބިވާ ފިރިމީހާއަށް ތިބޭފުޅުން ކުޑަ ނަމަވެސް މާލީ އެހީތެރިކަމެއް ދިނުމަށެވެ.
އިބްރާހިމް ރަޝީދަށް އެހީތެރިވުމަށް
ފޯނު ނަންބަރު: 7609867 (މަރިޔަމް ސަލީމާ/ އިބްރާހިމްގެ އަންހެނުން)
ބީއެމްއެލް އެކައުންޓް ނަންބަރު: 7724348763001 (އިބްރާހިމްގެ އަންހެނުން މަރިޔަމް ސަލީމާ އާ ގުޅިފައިވާ އެކައުންޓް ނަންބަރު)
ޑޮލަރު އެކައުންޓް: 7724341455102 (އިބްރާހިމް ރަޝީދުގެ ޑޮލަރު އެކައުންޓް ނަންބަރު)
ނޯޓް:ސަންގެ މި ސެގްމެންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމުގެ ކަންކަން އެ އާއިލާއާ ގުޅިގެން ކުރިއަށް ގެންދިއުން އެދެމެވެ. ފައިސާގެ އެއްވެސް ކަމެއްގައި ސަން އިން ބައިވެރިއެއް ނުވާނެއެވެ. ސީދާ އާއިލާއަށް އެހީތެރިވެ ދެއްވާށެވެ.
އެހީތެރިކަމަށް އެދޭ ފަރާތްތަކުން ސަން ކުލުނުގައި ބައިވެރިވުމަށް 9992747 ނުވަތަ 9982747 އަށް ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ.