ބެއިޖިންގް (27 ޖޫން ) : އެމެރިކާގެ ދިފާއީ ވަޒީރު ޖިމް މާޓިސް ޗައިނާގެ ދިފާއީ ވަޒީރު ޖެނެރަލް ޗަންގް ވާންގްވާން އާ ބެއިޖިންގްގައި ބައްދަލުކުރައްވައިފި އެވެ.

މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން ކުރެއްވި މަޝްވަރާތަކުގެ ތެރޭގައި ދެކުނު ޗައިނާ ކަނޑުގައި އެމެރިކާ އާއި ޗައިނާއާ ދެމެދު އުފެދިފައިވާ އަސްކަރީ ދެބަސްވުންތަކާއި ދެކޮރެޔާގެ ސުލްޙައިގެ ކަންތައްތަކުގެ އިތުރުން ދެގައުމުގެ ގުޅުންތައް އިތުރަށް ބަދަހިކުރުމާ ބެހޭ މަޝްވަރާތައް ހިމެނޭ ކަމަށް ޒިންހުވާ ނޫސް އެޖެންސީ ބުނެ އެވެ.

މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާގެ ދިފާއީ ވަޒީރަކު ޗައިނާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. މިދަތުފުޅު ފެއްޓެވުމުގެކުރިން މާޓިސް ވަނީ އޭނާ ޗައިނާއަށް ވަޑައިގަންނަވަނީ އެމެރިކާ އާއި ޗައިނާއާ ދެމެދުގައިވާ އަސްކަރީ ދެބަސްވުންތައް ހައްލުކުރުމަށް ޓަކައި ޗައިނާގެ މަސްއޫލުވެރިންނާ މަޝްވަރާ ކުރެއްވުމަށް ކަމަށް ވިދާޅުވެ ވޮޝިންޓަންގައި ބަޔާނެއް ދެއްވައިފަ އެވެ.

އެމެރިކާ އާއި ޗައިނާއާދެމެދު އުފެދިފައިވާ އަސްކަރީ ދެބަސްވުންތަކުގެ ތެރޭގައި ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން އަސްކަރީ ބާރު ގަދަކުރުން ހިމެނެ އެވެ. ދެކުނު ޗައިނާ ކަނޑަކީ އެމެރިކާއާ 10،000 ކިލޯ މީޓަރު ދުރުގައިވާ ކަނޑަކަށްވެފައި އެއީ ޗައިނާގެ ކަނޑުގެ ސަރަހައްދީ ރޮނގާ ގުޅިފައިވާ ކަނޑަކަށްވުމުގެ އިތުރުން އެއީ ޗައިނާގެ ޖިއޮޕޮލިޓިކަލް ސަރަހައްދެއް ނަމަވެސް އެކަނޑުގައި ޗައިނާ ހަރަކާތްތެރިވާ މިންވަރު ބަލައި މޮނިޓާ ކުރުމުގެ ކަންތައް އެމެރިކާ ކުރަމުންގެންދެ އެވެ. އަދި އެކަނޑުގައި ފަޅެއް ހިއްކައިގެން ޗައިނާ ތަރައްގީކުރާ އަސްކަރީ މަރުކަޒަށް ވެސް ލޯއަޅައި އެތަނުގެ ކައިރިއަށް އަސްކަރީ މަނަވަރުތައް ފޮނުވުން ފަދަ ހަންފެތުރުމުގެ އަމަލުތައް އެމެރިކާ ހިންގަމުން ގެންދެ އެވެ.

އަދި ޗައިނާގެ އަސްކަރީ ބަޖެޓް ބޮޑުކުރަމުން ގެންދިޔުމަކީ ވެސް އެމެރިކާ ކަންބޮޑުވާ ކަމެކެވެ. ނަމަވެސް އެމެރިކާގެ އަސްކަރީ ބަޖެޓަކީ ޗައިނާގެ އަސްކަރީ ބަޖެޓަށް ވުރެ ފަސްގުނަ ބޮޑު ބަޖެޓެކެވެ. އެމެރިކާ އާއި އާމްދަނީގެ ގޮތުން ދާދި އެއްވަރުގެ ދެގައުމެވެ.

މީގެއިތުރުން ޗައިނާ ވަކިވެގެނެގެން އުޅޭ ޗައިނާގެ ސަރަހައްދެއްކަމަށްވާ ޓައިވާނަށް އެމެރިކާ އަސްކަރީ ގޮތުން އެހީތެރިވެދޭ މައްސަލައަކީ ވެސް އެމެރިކާ އާއި ޗައިނާއާ ދެމެދު ޚިލާފު އުފެދިފައިވާ މައްސަލައެކެވެ. އެމެރިކާގެ ދިފާއީ ވަޒީރު ޖިމް މާޓިސްގެ މިދަތުރުފުޅުގައި ޗައިނާގެ ދިފާއީ ވަޒީރާ ކުރައްވާ މަޝްވަރާތަކުގައި ޓެރަރިޒަމާ ދެކޮޅު ނަމުގައި އެމެރިކާ ހިންގާ ހަރަކާތްތަކުގެ މައްސަލަ ވެސް ހިމެނޭ ކަމަށްވެ އެވެ. (ނޫސްއެޖެންސީތައް)