ޕަންޖާބީގެ ޑައިރެކްޓަރު ގިއްޕީ ގުރޭވާލް ޑައިރެކްޓް ކުރާ ފުރަތަމަ ބޮލީވުޑް ފިލްމު "ޑެއާ އެންޑް ލަވްލީ"ގެ ބަތަލާ އަކަށް ކުޅަދާނަ ތަރި ތާޕްސީ ޕަންނޫ ހަމަޖއްސައިފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

"ޖުޅްވާ 2" އިން މޮޅު އެކްޓިން އެއް ދެއްކި ތާޕްސީ "ޑެއާ އެންޑް ލަވްލީ"ގައި ފެނިގެންދާނީ ކަމަކުން ކުރިއަށް ދާނެ މަގުތައް ހޯދައި އެކަން ކާމިޔާބު ކުރާ މަންޒަރުތަކެވެ.

ޚަބަރުތައް ބުނާގޮތުގައި ފިލްމުގެ ސްކްރިޕްޓް ތާޕްސީއަށް ކަމުދިޔަ ކަމަށާއި އެ ފިލްމު ކުޅެން އޭނާ އަތުކުރި އޮޅާލައިފައެވެ.

ރަސްމީކޮށް ފިލްމާ ބެހޭ އެއްވެސް ވާހަކައެއް އޭނާ ދައްކާފައެއް ނުވެއެވެ. އެ ފިލްމަށް އަދި އޭނާ ސޮއިކޮށްފައެއް ވެސް ނުވެއެވެ.

ނަމަވެސް އަވަސް މުސްތަގްބަލެއްގައި ތާޕްސީ ފިލްމަށް ސޮއިކުރާނެ ކަމަށް ވެސް ޚަބަރުތައް ބުނެއެވެ. ފިލްމުގެ މަސައްކަތް އަދި ފަށާފައިނުވި ނަމަވެސް ފިލްމަށް ތަރިން ހޯދަމުންދާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ފިލްމުގެ ފިރިހެން ލީޑެއް މިހާތަނަށް ހާމަކޮށްފައެއްނުވެއެވެ. ތާޕްސީ އަންނަނީ އޭނާގެ ތިން ފިލްމެއްގެ މަސައްކަތް މިހާރުވެސް ކުރަމުންނެވެ. އޭނާ އެންމެ އަވަހަށް ފެނިގެންދާނީ އަންނަ މަހު 13 ގައި އަޅުވާ "ސޫރްމާ" އިންނެވެ.

މަސްދަރު: ބޮލީވުޑް ހަންގާމާ