27 Jun 2018, 09:02
ދިވެހި ރާއްޖޭގެ ހައި ކޯޓަށް ދެ ފަނޑިޔާރުން ހޯދުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާންކޮށްފިއެވެ.
ޖޭއެސްސީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ ހައިކޯޓުގެ ފަނޑީޔާރުކަމަށް ޝައުގުވެރިވާ ފަރާތްތަކުން، އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ މެންދުރު 11ގެ ކުރިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަން ޖެހޭ ލިއުންތައް ފުރިހަމަ ކުރުމަށްފަހު އެ ކޮމިޝަނަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ހައުކޯޓުގެ ފަނޑިޔާރުންގެ އަސާސީ މުސާރައެއްގެ ގޮތުގައި -/36،000 ރުފިޔާ އަދި ލިވިން އެލަވަންސްގެ ގޮތުގައި -/15،000 ރުފިޔާގެ އިތުރުން ރިސްކް އެލަވަންސްގެ ގޮތުގައި -/3،300 ރުފިޔާ ލިބޭނެ ކަމަށް އެ އިއުލާނުގައި ވެއެވެ.
ފަނޑިޔާރުކަމަށް ކުރިމަތި ލެވޭނީ އުމުރުން 25 އަހަރުން މަތީގެ މީހުން ކަމަށް ބުނެފައިވާއިރު ތަޖުރިބާގެ ގޮތުގައި ފަނޑިޔާރުކަން ނުވަތަ ގާނޫނީ ވަކީލުކަމުގައި މަދުވެގެން ފަސް އަހަރުގެ ތަޖުރިބާ ހުންނަން ޖެހޭނެއެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތްތައް ނެގުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދާއި މާކްސް ދޭނެ ގޮތުގެ ކްރައިޓީރިއާ ވަނީ ކޮމިޝަންގެވެބްސައިޓުގައިހިމަނާފައެވެ.
ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން ހައި ކޯޓު އެކުލެވިގެން ވަނީ އިސް ފަނޑިޔާރާއި އެކު ޖުމްލަ ނުވަ ފަނޑިޔާރުންގެ މައްޗަށެވެ. އެގޮތުން މިހާރު ހައި ކޯޓުގައި ތިބެނީ އަށް ފަނޑިޔާރުންނެވެ. އެއީ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އާއި ފަނޑިޔާރު ޢަބްދުﷲ ޙަމީދު އާއި ފަނޑިޔާރު ޝުޢައިބު ހުސެއިން ޒަކަރިއްޔާ އާއި ފަނޑިޔާރު އަބްދުލް ރައޫފް އިބްރާހިމް އާއި އަލީ ސަމީރު އާއި ފަނޑިޔާރު ޝުޖާއު އުޘްމާންގެ އިތުރުން ފަނޑިޔާރު މުހައްމަދު ނިޔާޒުއެވެ.