27 Jun 2018, 12:10
ވޯލްޑް ކަޕްގެ ގަދަ 16އިން ފެށިގެން ބޭނުން ކުރާނީ އޮފިޝަލް މެޗު ބޯޅަ، ޓެލްސްޓާގެ މުޅިން އާ މޮޑެލްއެއް ކަމަށް ފީފާއިން ބުނެފިއެވެ.
ގްރޫޕް ސްޓޭޖުގައި ބޭނުން ކުރީ ޓެލްސްޓާ 18ގެ ބަދަލުގައި ގަދަ 16އިން ފެށިގެން ބޭނުން ކުރާނީ ޓެލްސްޓާ މެޗްޓާއެވެ. ޓެލްސްޓާ މެޗްޓާއަކީ ކުރިން ބޭނުން ކުރި ބޯޅައާ އަޅާ ބަލާ އިރު، ޑިޒައިނަށްވެސް ތަފާތު ބަދަލުތަކެއް ގެނެސްފައިވާ ބޯޅައެކެވެ. އެގޮތުން ޓެލްސްޓާ 18ގައި ވާ އަޅި ކުލައިގެ ޑިޒައިންގެ ބަދަލުގައި މެޗްޓާގައި ހިމެނޭނީ ރަތް ކުލައިގެ ޑިޒައިނެކެވެ.
ބެލެވޭ ގޮތުގައި ރަތް ކުލައިން އެޑިޑާސްގެ ޓެލްސްޓާ މެޗްޓާ ފަރުމާކޮށްފައި ވަނީ ރަޝިއާގެ ރަސްމީ ކުލަތަކާ ގުޅުވައިގެންނެވެ. އަދި ދީފައިވާ ނަން މެޗްޓާއަކީ ރަޝިއާ ބަހުން "ހުވަފެން" މި މާނައިގައި ބޭނުން ކުރާ ބަހެކެވެ.
"ޓެލްސްޓާ 18އަކީ ޓެކްނިކަލީ ވަރަށް ރަނގަޅު ބޯޅައެއް. ހަގީގަތުގައި އިންގިލާބެއް ގެނުވި ބޯޅައެއް އެއީ. ހަމައެކަނި ޑިޒައިނުގެ ތަފާތެއް އައިސްފައި ވާނީ،" އެޑިޑާސް ކުންފުނީގެ ނައިބު ރައީސް ޑީން ލޯކްސް ބުންޏެވެ.
ނަވާރަ ސަތޭކަ ހަތްދިހަވަނަ އަހަރުން ފެށިގެން އެޑިޑާސްއަކީ ފީފާގެ އޮފިޝަލް ސްޕޮންސަރެކެވެ. އެ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ވޯލްޑް ކަޕްގެ އޮފިޝަލް ބޯޅަވެސް އެޑިޑާސްއިން އުފައްދަމުންދާ އިރު، އެ ކުންފުނިން ވޯލްޑް ކަޕަށް ތައްޔާރުކުރާ ބޯޅަ ފާހަގަކޮށްލެވެނީ އަބަދުވެސް އެންމެ ޒަމާނީ ވަސީލަތްތައް ބޭނުންކުރާ ބޯޅައެއްގެ ގޮތުގައެވެ.
މި ފަހަރުގެ ޓެލްސްޓާ ބޯޅައިގައިވެސް އެޑިޑާސްއިން ވަނީ ނިއާ ފީލްޑް ކޮމިއުނިކޭޝަން ޗިޕް (އެންއެފްސީ) ޗިޕެއްވެސް ހަރުކޮށްފައެވެ. އޭގެ ސަބަބުން ސްމާޓް ފޯން ބޭނުންކުރާ ފަރާތްތަކަށް ބޯޅައިގެ މޫވްމަންޓް ޓްރެކް ކުރެވޭނެއެވެ.