26 Jun 2018, 18:49
އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ގޭ ބަންދަށް ބަދަލުކޮށްފިއެވެ.
އިމްރާން ގޭ ބަންދަށް ބަދަލުކުރިކަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ 'ސަން' އަށް ކަށަވަރުކޮށްދީފައެވެ.
ކަރެކްޝަންސްގެ އިންފޮމޭޝަން އޮފިސަރު އަހްމަދު ލުގްމާން ވިދާޅުވީ މިއަދު އިރުއޮއްސެން ވެފައިވަނިކޮށް ޝައިޚް އިމްރާން ގޭ ބަންދަށް ބަދަލުކޮށްފައިވަނީ އޭނާ ހުންނަވާ 'ސެލް' ގެ މަރާމާތަކަށް ކަމަށެވެ. ނަމަވެސް އެ މަރާމާތަށް ހޭދަވާނީ ކިތައް ދުވަސް ކަމެއް އަދި ގޭ ބަންދަށް ބަދަލުކުރީ ކިތައް ދުވަހަށް ކަމެއް ވެސް ވިދާޅެއް ނުވެއެވެ.
ދެހާސް ފަނަރަވަނަ އަހަރުގެ މޭ މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރިއަށް ގެންދިޔަ ބޮޑު މުޒާހަރާގައި ދެއްކެވި ވާހަކަތަކެއްގެ ސަބަބުން 12 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ޝައިހް އިމްރާން އަބްދުﷲ އެންމެ ފަހުން ގޭ ބަންދަށް ބަދަލުކޮށްފައިވަނީ އޭނާއަށް އަލަތު ފިރިހެން ދަރިކަލަކު ލިބުނު ދުވަސް ކަމަށްވާ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 21 ވަނަ ދުވަހުއެވެ.
އަދި އޭގެ އެއް މަސް ފަހުން މާފުށީ ޖަލަށް ބަދަލުކުރުމަށް ފަހު އަނެއްކާ ވެސް ޝައިހް އިމްރާން މިވަނީ ގޭ ބަންދަށް ބަދަލުކޮށްފައެވެ.