26 Jun 2018, 17:38
މި އަހަރުގެ މާޗު މަހު ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑަަޅާފައިވާ އެއްގަމު އުޅަނދުގައި މާލޭގައި މުދާ އުފުލުމަށް ހެދި ގަވާއިދަށް މިއަދުން ފެށިގެން ވަގުތީ ގޮތުން ލުޔެއް ދީފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީ އިން މިއަދު އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، މިއަދުން ފެށިގެން ދުވާލުގެ ވަގުތުތަކުގައި 350 ކިލޯއަށް ވުރެ ދަށުގެ މުދާ އުފުލާ އުޅަނދުގައި މުދާ އުފުލުން ވަގުތީ ގޮތުން ހުއްދަކުރާ ކަމަށެވެ.
އެ އޮތޯރިޓީ އިން ބުނީ، އެ ކަމަށް ލުޔެއްގެންނައި ސަބަބަކީ، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތާއި ބޮޑުތަކުރުފާނު މަގާއި އެ މަގާއި ގުޅިފައިވާ އެހެން މަގުތައް ރަނގަޅު ފެންވަރެއްގައި ހެދުމަށް ރީ ޑިޒައިން ކުރުމުގެ މަސައްކަތް ކުރިއަށްދާތީ މުދާ އުފުލުމުގައި ވިޔަފާރި ވެރިންނަށް ދިމާވަމުންދާ ދަތިތައް ލުއިކޮށްދިނުމުގެ ގޮތުން ކަމަށެވެ.
މިއަދުން ފެށިގެން 350 ކިލޯއަށް ވުރެ ދަށުގެ މުދާ އުފުލާ އުޅަނދުގައި ދުވާލުގަޑީގައި މުދާ އުފުލުމަށް ހުއްދަ ދިން ނަމަވެސް އެއަށް ވުރެ ބޮޑެތި އުޅަނދުގައި މުދާ އުފުލޭނީ ކުރިއެކޭ ވެސް އެއްގޮތަށް ހަވީރު 6:00 އިން ހެނދު 6:00 އަށެވެ.
މާލޭގެ މަގުތައް ތޮއްޖެހި ކާރުބާރު ބޮޑުވެ ހިނގާ ބިގާވެ އުޅުމަށް ދަތިވަމުން ދާތީ އާއި ސުކޫލަށް ކުދިން ގެންގޮސް ގެނައުމާއި އެ ނޫންވެސް ބޭނުންތަކަށް މަގު ބޭނުން ކުރަށް ދަތިވުމުން މުދާ އުފުލުމުގެ ގަވާއިދެއް ޓްރާންސްޕޯޓް އޮތޯރިޓީ އިން ކަނޑައަޅައި އަމަލު ކުރަން ފެށީ މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހުން ފެށިގެންނެވެ.