26 Jun 2018, 15:35
ބޭރު ގައުމެއްގެ ރައްޔިތަކަށް ވެފައިވާނަމަ އެ މީހަކު ބޭރު ރައްޔިތުކަން ދޫކޮށްލިތާ މަދުވެގެން ދިހަ އަހަރު ފަހުން ނޫނީ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް އިންތިޚާބާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހާއި، ބޭރު ގައުމުތަކުގެ ހިމާޔާތް ހޯއްދަވައިގެން އުޅުއްވާ ބޭފުޅުންނަށް ރިޔާސީ އިންތިހާބުގައި ބައިވެރިނުވެވޭ ގޮތަށް އެ ގާނޫނަށް ބަދަލު ގެނައުމަށް ހުށަހެޅި އިސްލާހު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއިން ފާސްކޮށްފިއެވެ.
މި އިސްލާހަކީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާހު ހުސައިން މަނިކު އިންތިޚާބާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހެކެވެ.
ކޮމެޓީއިން ފާސްކުރި އިސްލާހުގައި ބުނެފައިވަނީ ސިޔާސީ އިންތިޚާބަށް ކުރިމަތިލާ މީހަކު އެއްވެސް އިރެއްގައި ބޭރު ގައުމެއްގެ ރައްޔިތަކުކަމުގައި ވެފައިވާނަމަ، އެފަދަ މީހަކަށް ރިޔާސީ އިންތިޚާބަށް ކުރިމަތިލެވޭނީ އެމީހަކު ބޭރު ރައްޔިތުކަން ނޫނީ ބޭރު ގައުމެއްގެ ހިމާޔަތް ނުވަތަ ރައްކާތެރިކަން ދޫކޮށްލިތާ މަދުވެގެން 10 އަހަރު ފަހުން ކަމަށެވެ.
އިންތިޚާބާ ބެހޭ ގާނޫނަށް ނިހާން ހުށަހެޅުއްވި އިސްލާހުގައި ވަަނީ އިންތިޚާބަށް ކުރިމަތިލާ މީހަކު އެއްވެސް އިރެއްގައި ބޭރު ގައުމެއްގެ ރައްޔިތަކުކަމުގައި ވެފައިވާނަމަ، އެފަދަ މީހަކަށް ރިޔާސީ އިންތިޚާބަށް ކުރިމަތިލެވޭނީ 10 އަހަރު ފަހުން ކަމަށެވެ.
ބޭރުގެ ހިމާޔަތް ހޯދައިގެން ތިބޭ ފަރާތްތަކަށް އިންތިޚާބުގައި ވާދަ ކުރެވޭނީ ހިމާޔަތް ދޫކޮށްލިތާ 10 އަހަރު ފަހުން ކަމަށް ބުނާ އިސްލާހަކީ ކޮމެޓީ މަރުހަލާގައި ހުށަހެޅުނު އިސްލާހެކެވެ. މިއަދުގެ މަޖިލިސްގައި މި ބިލަށް ބަހުސް ކުރުމުގެ މަރުހަލާގައި ރާއްޖެ ދޫކޮށް ބޭރު ގައުމުތަކަށް ހިޖުރަކުރައްވައި ރާއްޖެ ބަދުނާމުކޮށް ބޭރުގެ އެކި އެކި ޕާސްޕޯޓް ގެންގުޅޭ ފަރާތްތަކަށް ވެސް ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭނެ ގޮތަށް އިސްލާހު ގެންނަން ޖެހޭކަމަށް ނިހާނު ވަނީ ވިދާޅުވެފައެވެ.
އިންތިޚާބާ ބެހޭ ގާނޫނަށް ގެނައުމަށް ހުށަހަޅާފައިވާ މި އިސްލާހު މިނިވަން މުވައްސަސާތަކާ ބެހޭ ކޮމެޓީއިން ފާސްކުރި އިރު، އެ ގާނޫނަށް އިތުރު ދެ އިސްލާހެއް ގެނައުމަށްވެސް ވަނީ ހުށަހަޅައިފައެވެ.
އެގޮތުން ރިޔާސީ އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުން އިލެކްޝަންސް ކޮމިޝަނުގައި ބަހައްޓާ ޑިޕޮސިޓް ފީ 40،000 ރުފިޔާ އިން 100،000 ރުފިޔާއަށް ބޮޑު ކުރަންވެސް ވަނީ ހުށަހަޅައިފައެވެ. މީގެ އިތުރުން ވޯޓު ކަރުދާހުގައި ލިޔެ، ކުރަހައިފި ނަމަ އެ ވޯޓު ބާތިލުވާނެ ކަމަށާއި އިންތިޚާބާ ގުޅިގެން ކެންޑިޑޭޓުންނަށް ޓީވީތަކުން ހަމަހަމަ ފުރުސަތު ދިނުމަށް ބުނާ އިސްލާހެއްވެސް ވަނީ ހުށަހަޅައިފައެވެ.
ކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރަކު ސަންއަށް ވިދާޅުވީ މިއަދުގެ ކޮމެޓީއިން ފާސްކުރީ ހަމައެކަނި އިންތިޚާބުގައި ވާދަކުރެވޭނީ ބޭރު ގައުމެއްގެ ރައްޔިތަކުކަމުގައި ވެފައިވާނަމަ، އެފަދަ މީހަކަށް ރިޔާސީ އިންތިޚާބަށް ކުރިމަތިލެވޭނީ އެމީހަކު ބޭރުރައްޔިތުކަން ނޫނީ ބޭރު ގައުމެއްގެ ހިމާޔަތް ނުވަތަ ރައްކާތެރިކަން ދޫކޮށްލިތާ މަދުވެގެން 10 އަހަރު ފަހުން ކަމަށް ބުނާ އިސްލާހު ކަމަށެވެ.