26 Jun 2018, 14:30
އިންތިހާބުތަކުގެ ގާނޫނުތަކަށް ސަރުކާރުން ގެންނަން ހުށަހެޅި ތިން އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ، އެ ބިލު ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ފޮނިވައިފިއެވެ.
އެ އިސްލާހުތައް ބަލައިގަތުމަށް މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގަތް 38 މެންބަރުންގެ ތެރެއިން 37 މެންބަރަކު ވޯޓު ދެއްވާފައިވާއިރު އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ އެއްވެސް މެންބަރެއް ޖަލްސާގައި ބައިވެރިވެފައެއް ނުވެއެވެ.
ކޮމެޓީއަށް ފޮނުވި ތިން އިސްލާހަކީ ރިޔާސީ އިންތިހާބުގެ ގާނޫނަށް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ހުށަހެޅުއްވި އިސްލާހަކާއި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ހުށަހެޅުއްވި އިސްލާހެކެވެ.
އެގޮތުން ނިހާން ހުށަހެޅުއްވި އިސްލާހުގައި ވަނީ ބޭރު ގައުމެއްގެ ރައްޔިތަކަށް ވެފައިވާނަމަ އެ މީހަކު ބޭރު ރައްޔިތުކަން ދޫކޮށްލިތާ މަދުވެގެން ދިހަ އަހަރު ފަހުން ނޫނީ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް ގާނޫނަށް ބަދަލު ގެނައުމަށެވެ.
ހުސައިން މުހައްމަދު ލަތީފު ހުށަހެޅުއްވި އިސްލާހުގައި ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރާ ފަރާތްތަކުން އިދާރީ ފީއެއްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދު 40،000 އިން 100،000 ރުފިޔާއަށް ބޮޑު ކުރުމަށެވެ.
އެ ދެ އިސްލާހުގެ އިތުރުން ދެން ކޮމެޓީއަށް ފޮނުވާފައިވަނީ އިންތިޚާބުތަކުގެ އާންމު ގާނޫނަށް ހޮޅުދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދު ހުށަހެޅުއްވި އިސްލާހުތަކުގެ ބިލެވެ.
އެ ބިލުގައި ހިމެނެނީ މީގެ ކުރިން ސުޕްރީމް ކޯޓުން ނެރެފައިވާ ގައިޑްލައިންގައިވާ ކަންތައްތަކަށް ބަލައި އެކުލަވާލާފައިވާ އިސްލާހުތަކެކެވެ.
އެގޮތުން ރިޔާސީ އިންތިޚާބުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނަށް ޓީވީ ޗެނަލްތަކުން ހަމަހަމަ ފުރުސަތުތަކެއް ދޭން ޖެހޭނެ ކަމަށް ބުނެ ވަނީ އިސްލާހެއް ހުށަހަޅާފައެވެ. އަދި ވޯޓު ކަރުދާހުގައި ޖަހަން ބުނެފައިވާ ފާހަގަތައް ނޫން އެހެން އެއްވެސް އެއްޗެއް ލިޔެ ކުރަހައިފިނަމަ އެ ވޯޓެއް ބާތިލް ވާނެގޮތަށް އިސްލާހު ވަނީ ހުށަހަޅާފައެވެ.
މިއަދުގެ ޖަލްސާ ނިންމާލައްވަމުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވަނީ މަދަމާ 9:00 މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ކަމަށް ވިދާޅުވެފައެވެ.