ތެހެރާން(ޖޫން 26): އީރާނުގައި ތަކެތީގެ އަގު މައްޗަށް ގޮސް، ރިއާލްގެ އަގު ދަށަށް ދިޔުމުގެ ސަބަބުން އެގައުމުގެ އެތައް ހާސް މީހުން ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން ތެހެރާންގެ ގްރޭންޑް ބާޒާރު ހުއްޓުމަކަށް އައިސްފިއެވެ.

ގްރޭންޑް ބާޒާރުގެ ފިހާރަތައް ބަންދު ކުރުމަށް ފަހު ތެހެރާންގެ ރައްޔިތުން ކުރަމުންދާ މުޒާހަރާތަކަކީ 2012 ވަނަ އަހަރުގެ ފަހުން އެގައުމުގައި ބާއްވާ އެންމެ ބޮޑު މުޒާހަރާތައް ކަމަށް ރިޕޯޓުތަކުގައިވެއެވެ. އީރާނުން ދުނިޔޭގެ ބާރުތަކާ މަޝްވަރާ ކުރުމަށް ފަހު ނިއުކްލިއާ އެއްބަސްވުމެއް ހަދަން ނިންމީ 2012ގެ މުޒާހަރާތަކާ ގުޅިގެންނެވެ.

އެއެއްބަސްވުމުގައި ސޮއި ކުރުމުން، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލި ނަމަވެސް މިދިޔަ މޭ މަހު އެމެރިކާޣެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެއެއްބަސްވުމުން އެމެރިކާ ވަކިވާން ނިންމިކަން އިއުލާން ކުރައްވާފައެވެ.

އޭގެ ސަބަބުން އެމެރިކާއިން އަނެއްކާވެސް އީރާނާ ދެކޮޅަށް ދަތިކުރުގެ ފިޔަވަޅު އަޅައި، ނިއުކްލިއާ އެއްބަސްވުން އުވިދާނެ ކަމުގެ ބިރު ހީވުމާ ގުޅިގެން ފާއިތުވި މަސްތަކުގެ ތެރޭގައި ރިއާލްގެ އަގު ވަނީ ރިކޯޑު އަދަދަކަށް ވެއްޓިފައެވެ. (ބީބީސީ)