އަލްޖީރިއާއިން އެގައުމުގެ އުތުރު ސަރަހައްދުގައި އޮންނަ ސަހަރާ ޑެޒާޓް އަށް 13،000 ހިޖުރަވެރިން ފާއިތުވިި 14 މަސްދުވަސް ތެރޭ ދޫކޮށްލައިފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ސަހަރާއަށް ދޫކޮށްލި މީހުންގެ ތެރޭގަައި މާބަނޑު އަންހެނުންނާއި ކުޑަކުދިންވެސް ހިމެނެއެވެ. އެ ސަހަރާގެ ހޫނުމިން 48 ޑިގްރީއަށްވެސް ބައެއް ފަހަރު އަރައެވެ.

ސަހަރާގެ ތެރެއަށް ދޫކޮށްލާ މީހުން ގަދަ ހޫނުގައި ކެތް ނުވެގެން މަރުވުމުގެ ހާދިސާތައްވެސް ވަނީ ހިނގައިފައެވެ.

"މަރުވެފައިވާ މީހުންގެެ ހަށިގަނޑުތައް އެތާ ހުރޭ. އަދި ބައެއް މީހުންނަށް މަގު އޮޅޭ. ދެން އެތާ އެމީހަކާ އެމީހަކު އުޅެނީ. އެހީތެރިއެއް ނުވޭ ގިނަ މީހުން،" އެ ހާދިސާއިން ސަލާމަތްވި މާބަނޑު އަންހެނަކު އެސޯސިއޭޓެޑް ޕްރެސްއަށް ކިޔައިދިނެވެ.

އެފްރިކާގެ ގައުމުތަކުގެ ތެރެއިން މާލީ، ގެމްބިއާ، ގިނީ އަދި ނައިޖަރު ފަދަ ގައުމުތަކުން ގިނަ ބަޔަކު މެޑިޓެރޭނިއަން ކަނޑު ހުރަސްކޮށް ޔޫރަޕަށް ހިޖުރަކުރުމަށް އަލްޖީރިއާގެ ސަރަހައްދު ބޭނުންކުރެއެވެ.

ޔޫރަޕްގެ ޕްރެޝަރުތަކާ ގުޅިގެން އަލްޖީރިއާއަށް އެތެރެވާ ގިނަ އަދަދެއްގެ ހިޖުރަވެރިން އެގައުމުން ބޭރުކުރަން އަލްޖީރިއާއިން ފެށީ މިދިޔަ އަހަރު އޮކްޓޯބަރު މަހުއެވެ.

އެ މައްސަލައިގައި ޔޫރަޕިއަން ޔޫނިއަންއިން ބުނީ އަލްޖީރިއާއިން އެގޮތަށް އަމަލުކުރާކަން އެނގޭ ކަމަށެވެ. އަދި އެކަން ބައިނަލްއަގުވާމީ ގާނޫނުތަކާ ފުށުނާރާކަމަށްވެސް އީޔޫއިން ބުންޏެވެ.