26 Jun 2018, 11:17
ފަތުރުވެރިކަމުގެ މަސައްކަތް ކުރުމަށް ޓަކައި ބިޑު ނުކޮށް ކުއްޔަށް ދޫކުރާ ރަށްރަށުގެ ލިސްޓަށް ރ. އަތޮޅުގެ ރަށަކާއި ގއ. އަތޮޅުގެ ދެ ރަށެއް އިތުރުކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރީކޮޅު ވަނީ ބިޑުނުކޮށް ދޫކުރާ ރަށްރަށާއި ފަޅުތަކުގެ ލިސްޓަށް ރ. ވިލިނގިލި، ގއ. ހުޅިމެންދޫ އަދި ގއ. އޮޑަގައްލާ އިތުރުކޮށްފައިވާ ކަމަށެވެ.
މި ތިން ރަށުގެ ތެރެއިން އެންމެ އަގުބޮޑީ 3.60 ހެކްޓަރުގެ ރ. ވިލިނގިއްޔެވެ. އެ ރަށުގެ އަންދާޒާކުރެވޭ އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ޖަހާފައިވަނީ 2.07 މިލިޔަން ޑޮލަރެވެ.
ބޮޑުމިނުގައި 5.20 ހެކްޓަރުގެ ގއ. ހުޅިމެންދޫގެ އަންދާޒާކުރެވޭ އެކުއިޒިޝަން ކޮސްޓަކީ 650،000 ޑޮލަރެވެ. އަދި 0.77 ހެކްޓަރުގެ ގއ. އޮޑެގައްލާގެ އަންދާޒާކުރެވޭ އެކުއިޒިޝަން ކޮސްޓަކީ 96،250 ޑޮލަރެވެ.
ކްލޯސް ބިޑަށް ހުޅުވާލައިގެން ފަތުރުވެރިކަމުގެ މަސައްކަތަށް ރަށްރަށާއި ފަޅުތައް ކުއްޔަށް ދެވޭ ގޮތަށް ފަތުރުވެރިކަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައީ 2016 ވަނަ އަހަރުއެވެ.
އެއާ އެކު "ފަތުރުވެރިކަމާ ބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯޒަލް ހުށަހެޅުމާބެހޭ ގަވާއިދު"ގެ ނަމުގައި ގަވައިދެއް ވަނީ އާންމުކޮށްފައެވެ.
އެ ގަވައިދުގައި ބުނާ ގޮތަށް، ފަތުރުވެރިކަމަށް ކޮންމެ އަހަރަކު ދޫކުރާ ރަށްރަށާއި ފަޅުތަކުގެ އަދަދާއި، އެތަންތަނާ ބެހޭ މައުލޫމާތު ހިމެނޭ ލިސްޓެއް ކޮންމެ އަހަރެއް ފެށޭތާ އެއް މަސް ދުވަސް ތެރޭގައި ޓުއަރިޒަމް މިނިސްޓްރީން އާންމުކުރަން ޖެހެއެވެ.
އަދި އެ ލިސްޓަށް އުނި އިތުރު ގެނައުމުގެ އިޚްތިޔާރު، ރައީސް އޮފީހުގެ ހުއްދައާ އެކު ޓުއަރިޒަމް މިނިސްޓްރީއަށް ލިބެއެވެ.